ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސޯލިހު، ތައިރޮއިޑުގެ އޮޕަރޭޝަން ހައްދަވައިފިއެވެ.

ރައީސް ސޯލިހު، އެމަނިކުފާނުގެ ހާލުކޮޅުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރައްވަމުން ވިދާޅުވީ ތައިރޮއިޑް ސާޖަރީ ހައްދަވާފައިވާ ކަމަށާއި އަދި މިހާރު އާލާސްކަންފުޅު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނަށް ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސޯލިހު މިއަދު ތައިރޮއިޑުގެ އޮޕަރޭޝަނެއް ކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާ ހަވާލު ކުރެއްވުމުން މިއަދު ވަނީ ފައިސަލް ހުވާ ކުރައްވާފައެވެ.

ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ފަތިހު 5.50 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް ވަނީ ސާޖަރީއަށް ފަހު މަގާމުގެ މަސްއޫލިއްޔަތުތަކާ އަވަހަށް ހަވާލުވެވަޑައިގަތުމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ތައިރޮއިޑް އޮޕަރޭޝަނަށް ރައީސް ވަޑައިގަތީ ސިންފަޕޫރަށެވެ. އިއްޔެނޫން އިހަށް ދުވަހު ސިންގަޕޫރަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ ލަސްނުވެ މަސައްކަތްޕުޅަށް އެނބުރި ވަޑައިގެންނެވޭނެ ކަމަށެވެ.