2015 ވަނަ އަހަރު ތެރޭގައި ލ. ގަމުގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދުޝާހު މިއާގެ މަރާ ގުޅިގެން އެ ރަށު، ރެޑްފިޝް، އަލީ ހަމްޒާ 12 އަހަރާއި ހަ މަހަށް ޖަލަށްލައި 1.3 މިލިއަން ރުފިޔާގެ މަރުގެ ދިޔަ ދައްކަން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރި ނަމަވެސް އޭނާގެ ނިޔަތް ސާބިތުވާ ވަރަށް ހެކި ނެތުމުން އޭނާގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުން ނުވަތަ ޝިބުހުލް އަމްދުގެ ކުށް ސާބިތުވާ ކަމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ދައުލަތުން ބުނީ ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދުޝާހު މިއާ ނިދާފާ އޮއްވާ، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ ބޮލުގައި ތިން ފަހަރު ޖަހާ މަރާލައިފާވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ބާންދުޝާހު މިއާގެ ދުނިޔޭގައި ތިބި ވާރިސުން ވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ. އެ ހުރިހާ ވާރިސުންވެސް މިއަދު ޝަރީއަތުގައި ބުނީ މަރުުގެ ދިޔަ ބޭނުން ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ގާޒީ އަލީ އާދަމް މިއަދު ވިދާޅުވީ ހަމްޒާގެ އެ ކުށުގެ އަދަބަކީ ޖިނާއަތުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ 10 އަހަރަށް ޖަލަށްލުން ކަމަށެވެ. ކުށުގެ އަމަލަކީ އިންސާނެއްގެ ކަރާމާތާއި ގަދަރަށް ބެލުމެއް ނެތި ކުރި އަމަލެއް ކަމުން ކުށުގެ އަސާސީ މިންގަނޑަށް އެއް ދަރަޖަ އިތުރުކޮށް 12 އަހަރާއި ހަ މަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ނަގައިދީ، ތިން އަހަރު ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކަންވެސް ވަނީ އަންގާފައެވެ. އަދި ކުށުގެ ކައްފާރާއެއްގެ ގޮތުން ތައުބާވެ، ދެ މަސް ވަންދެން ރޯދަ ހިފަން ވެސް ވަނީ ހުކުމްކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ފުރަތަމަ ވާރިސުގެ ބަސް ނަގައި ނިމުމުން ހަމްޒާ ވާހަކަ ދައްކަން ފުރުސަތަކަށް އެދުމުން، އެ ފުރުސަތު ދިނުމުން އޭނާ ދައްކަން ފެށީ ބަންދުގައި ގިނަ ދުވަހު ހުންނަން ޖެހުނު ވާހަކަތަކެވެ. އެހެންކަމުން އެ ވާހަކަ މިއަދު ނުދެއްކޭނެ ކަމަށް ވިދާޅުވެ، އެކަން ގާޒީ އަލީ އާދަމް ހުއްޓުވިއެވެ. ގާޒީ އަލީ އާދަމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، އޭނާ ވަނީ އޭނާއާ މެދު ބޭއިންސާފުން އަމަލު ކުރަމުންދާ ކަމަށާއި އޭނާ ދައްކާ ވާހަކަ އަޑުނާހާ ކަމަށް ބުނެ ޝަރީއަތުގެ މަޖިލީހުގައި އަޑުގަދަކޮށްފައެވެ. އަދި އަލީ އާދަމްއަށް ނިސްބަތްވާ ގޮތަށް އަވަގުރާނަ ވެސް ގޮވިއެވެ.
އޭނާގެ އަމަލުތަކަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވާތީ އޭނާ 15 ދުވަހަށް ޖަލަށްލާން އަލީ އާދަމް ނިންމެވިއެވެ.
ހުކުމް ކުރުމަށްފަހު އަލީ އާދަމް ވަނީ ބާންދުޝާހު މިއާގެ ވާރިސުންނަށް ސުވާލެއް އޮތް ނަމަ ކުރަން ފުރުސަތު ދެއްވައިފައެވެ. އެ ފުރުސަތުގައި އޭނާގެ ފިރިހެން ދަރި ވަނީ މިހާރު މިކަން ވެސް ނިނުމީ ކަމަށާއި ބާންދުޝާހު މިއާއަށް ހެޔޮ ދުއާ ކުރުމަށް އެދޭ ކަމަށް ބުނެ ވަކި ހިސާބަކުން ހުރިހާ ވާރިސުންވެސް ރޮވި ވާހަކަ ހުއްޓުނެވެ.