ރަހީނު ކުރުމަށް ފަހު މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގެ ތުހުމަތު ކުރެވޭ އުމުރުން 17 އަހަރުގެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރުމަށް ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފިއެވެ.

13 އަހަރުގެ ކުޑަކުއްޖާ މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެ ދައުވާތަކަކީ:

  • ގަސްތުގައި މީހަކު މަރާލުން
  • ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުން
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން

އުމުރުން 17 އަހަރުގެ އެ ކުޑަކުއްޖާ ޝަރުތުތަކާއެކު ގެއަށް ބަދަލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 9 ގައެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރުމަށް ޖުވެނައިލް ކޯޓުން ނިންމާފައިވަނީ އެ ކުއްޖާ ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް އެޗްއާރުސީއެމުން މައުލޫމާތު ދިނުމުންނެވެ.

އޭގެ ދުވަސްތަކެއް ފަހުން ކުޑަކުދިން ބެހެއްޓުމަށް ހާއްސަ ތަނެއް ކަރެކްޝަންސް އިން ގާއިމްކޮށްފައިވާއިރު، ދައުލަތުން ވަނީ އެ ކުއްޖާ އެ ތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފައެވެ. އެކަމަކު ޖުވެނައިލް ކޯޓުން ވަނީ އޭރު އެ ކޯޓުން ނިންމި ނިންމުން ދަމަހައްޓާފައެވެ.

އެހެންވެ، ދައުލަތުން ވަނީ ޖުވެނައިލް ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ދައުލަތުން ބުނީ އެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފި ނަމަ މުޖުތަމައަށް އެކަމުގެ ސަބަބުން ނުރައްކާވާނެ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.

ނަމަވެސް، ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނީ، އެ ކުއްޖާ ހުރީ ގޭ ބަންދުގައި ކަމަށެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގޭގައި ކުދިން ބަންދުކުރެވޭ ހިނދު، އެއީ ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބަންދެއް ކަމަށާއި، އެ ކުއްޖާ ގޭގައި ބެހެއްޓުމަށް ގާނޫނުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން، އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ

އެ މައްސަލާގައި ހައްޔަރުކުރި ޒިހާންގެ މައްޗަށް ކުރެވޭ ދައުވާތަކާ އެކު، އޭނާގެ މައްޗަށް 100 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ސަބަބަކީ އެ މައްސަލައިގެ ތަހުގީގު ކުރަމުން ދަނިކޮށް ޒިހާންގެ އިތުރު މައްސަލަތަކެއް ފެންމަތިވެފައި ވާތީއެވެ.

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިބްރާހިމް ޒިހާނަކީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. އެ ނޫނަސް އޭނާ އަކީ ނުރައްކާތެރި ކުށްތަކެއްގެ ރެކޯޑު އޮންނަ މީހެކެވެ.