މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކެއްގައު ދައުވާ އުފުލާ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މިދިޔަ އަހަރު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޕެސްޓް ގެއަށް ބަދަލުކޮށްފައިވަނީ ދެ މަސްދުވަހުގެ މުއްދަތަކަށް، ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށް ޝަރުތުކޮށްފައެވެ.

ޓޮންސިލްގެ މައްސަލާގައި ފަރުވާއަށް އެދިފައިވާ ޕެސްޓަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ޝަކުވާކުރުމުން، ދައުލަތުން ވަނީ މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ޖަލު ބަންދުގައި ބަހައްޓައިދިނުމަށް އެދިފައެވެ. އެގޮތުން މިހާރުވެސް އޭނާއަށް ފަރުވާކުރަމުންދާ ކަމުގެ ލިޔުންތައް ހުށަހަޅާފައިވެއެވެ.

ނަމަވެސް، ޝަރުތުތަކާއެކު އޭނާ ދެ މަސްދުވަހަށް ދޫކޮށްލަން ޝަރީއަތުން ވަނީ ނިންމާފައެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ޕެސްޓާ ހައްޔަރު ކުރީ، މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައިގައި، ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އެ ދައުވާތަކަކީ:

  • ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ
  • ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  • މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ
  • ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ
  • ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ

މި ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.