2017 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލަދީ މަރާލި ގއ. ދާންދޫ، ގޯލްޑްރީފް، ހާރިސް އަބްދުލްގަފޫރުގެ މަރުގެ މައްސަލައިގާ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުކުމް ކުރާނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވެއްޖެއެވެ.

ހާރިސް މަރާލި މައްސަލައާ ގުޅިގެން ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތަށް 2 ސިޓީއެއް ލިބިފައިވާ ކަމަށާއި އެއް ސިޓީއަކީ ދިފާއީ ވަކީލެއްގެ ފަރާތުން މިއަދުގެ ޝެޑިއުލް އޮތް ގޮތުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވެން ނެތްކަން އޭނާ އަންގާފައިވާ ސިޓީއަކާއި ޕީޖީއިން ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އެ ސިޓީގައި ޕީޖީއިން އެދިފައިވަނީ ދިފާއީ ހެކިން މިއަދު ހާޒިރުކުރެވެން ނެތުމުގެ ސަބަބުން ޝަރީއަތް އެހެން ދުވަހަކަށް ފަސްކޮށްދިނުމަށެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ދިފާއީ ހެކިން ހާޒިރުކުރުމަށް މީގެ ކުރިންވެސް ދައުލަތަށް އެތައް ފުރުސަތެއް ދީފައިވާނެ ކަމަށާއި އެހެންނަމަވެސް ދިފާއީ ހެކިން ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އަދި އެންމެފަހުން ޖެނުއަރީ މަހު ދިން ފުރުސަތުގައި ވެސް ސިއްރު ހެކިން ހާޒިރު ކުރެވިފައިނުވާއިރު، ސިއްރު ހެކިން ހާޒިރުކުރުމުގައި އެއްވެސް އަލިމަގެއްވެސް މިހާތަނަށް ފެނިފައިނުވާތީ ދެން ފުރުސަތު ދެވެން ނެތް ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ހުލާސާ ބަޔާން އިއްވުމުގެ ކުރިން މިހާތަނަށް މި މައްސަލައިގެ ޝަރީއަތުގައި ދެކެވުނު ވާހަކަތައް ހޯދުމަށް ދިފާއުން އެދިފައިވާތީ އެކަން އަވަސްކޮށްދިނުމަށް މިއަދުގެ އަޑުއެހުމުގައި ދިފާއުން ވަނީ ޝަރީއަތުގައި އެދިފައެވެ.

ހާރިސް މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަހަމްތަކެއް ދީފައިވާއިރު މަރުވެފައިވަނީދީފައިވާ ޒަހަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގައި ވިންދު ހިންގަން ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ނެތުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.