އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއެކު ޓީވީ ބަހުސަކަށް ވަޑައިގަތުމަށް ބޭނުންފުޅު ވާ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ރަޝިއާ ޓުޑޭއަށް އިމްރާން ދެއްވި ބަސްދީގަތުމަކާ ހަވާލާދީ އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ޓީވީގައި މޯދީއާ ބަހުސް ކުރެއްވުމަކީ، އެ ބަހުސްގެ ތެރެއިން، ދޭދޭ މައްސަލަތަކަށް ހައްލު ހޯދިއްޖެނަމަ، ބިލިއަނެއްހާ މީހުންނަށް ފައިދާ ކުރާނެ ބަހުސަކަށް ވާނެ ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ އިންޑިއާއާއި ޕާކިސްތާނަކީ، މީގެ 75 އަހަރު ކުރިން، އިނގިރޭސިންގެ އަތުން މިނިވަންވި ހިސާބުން ފެށިގެންވެސް، އެކި ކަންކަމުގައި ކޯޅެމުން އަންނަ 2 އަވަށްޓެރިންނެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު 3 ހަނގުރާމައެއްވެސް ކޮށްފައި ވާއިރު، މި ފަހަކަށް އައިސް ދޭދޭ ގުޅުންތައް ވަނީ އިންތިހާއަށް ނުތަނަވަސްވެސް ވެފައެވެ.

ދެ ގައުމު ހިއްސާ ކުރާ ޖައްމުއާ ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގެ މިނިވަންކަން ގެއްލޭ ގޮތަށް 2019 ވަނަ އަހަރު އިންޑިއާއިން ގެނައި ގާނޫނީ ބަދަލާއެކު، ޕާކިސްތާނުން ވަނީ އިންޑިއާއާއެކު ވިޔަފާރި ކުރުންވެސް މަޑުޖައްސަލާފައެވެ. ކަން މިހެން އޮތް އިރު، ވިޔަފާރީގެ ކަންކަމުގައި އިމްރާންއަށް ލަފާ އަރުވާ މުޝީރު ޢަބްދުލްރައްޒާޤު ދާވޫދު ވަނީ، ވިޔަފާރީގެ ގުޅުން އިޔާދަ ކުރުމަކީ 2 ގައުމަށްވެސް ފައިދާ އޮތް ކަމެއް ކަމުގައި ފާހަގަ ކުރައްވާފައެވެ.

ޕާކިސްތާނުގެ އިގުތިސޯދީ ހަރަކާތްތަކުގައި އެންމެ ބޮޑު ބައިވެރިއެއްގެ ދައުރު އަދާ ކުރަނީ ޗައިނާއިންނެވެ. ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، ޗައިނާއިން ވަނީ ޕާކިސްތާނުގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރާއެކު ބަހުސަކަށް ވަޑައިގަތުމުގެ ޝައުގު ފާޅު ކުރައްވާ އިމްރާޏް ވާހަކަފުޅު ދައްކަވާފައި މިވަނީ، މަސްރަހު ހޫނުވެފައިވާ ރަޝިއާއަށް ވަޑައިގެން، އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާ ބައްދަލު ކުރައްވަން، ވަގުތު ކުޑަތަންވެފައިވާ ދަނޑިވަޅެއްގައެވެ.