މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާ އިން ހައްޔަރު ކޮށްފައިވާ ދިވެހި އަންހެން މީހާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާ ކަމަށް، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ބުނެފިއެވެ.

މިދިޔަ ޑިސެންބަރު މަހު އަތުލައިގެން 4 ކިލޯގެ އޮޕިއަމް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ބ. އޭދަފުށީ 58 އަހަރުގެ، އާމިނަތު ރަޝީދާ ހައްޔަރުކުރީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ ދިން ތިިން ދުވަސް ހަމަވުމުން މިހާރުވަނީ 14 ދުވަސް މުއްދަތެއް ޖަހާފައެވެ.

އެންސީބީގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވަނީ ރަޝީދާ އަކީ ރާއްޖޭގައި އަންނައުނުގެ ވިޔަފާރި ހިންގާ މީހެއް ކަމަށާއި އިންޑިއާއަށް ވަރަށް ގިނައިން ދާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ފުލުހުން ހޯދަން ބޭނުންވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ވެސް ނެރުނެވެ.

މިދިޔަ ޑިސެންބަރު މަހު އިންޑިއާއިން ރާއްޖެއަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.906 ކިލޯގެ އޮޕިއަމް ފެނުނު ކަމަށާއި އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް އަށް ކަމަށެވެ.

މި މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ފޭބުމާއެކު އިންޓެލިޖެންސް ބިއުރޯއިން އޭނާ ބަންދަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރޭގައި ރަޝީދާ އުޅޭތާ އެތައް އަހަރެއް ވެފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށާއި މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ތުހުމަތުގައި އޭނާގެ ފިރިހެން ދަރިއެއް ރާއްޖެއިން ހައްޔަރުކުރި ކަމަށް ވެސް އެ ނޫހުގައި ވަނީ ލިޔެފައެވެ.