ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގެ ހުކުމްކުރުން އަންނަ މާޗު މަހުގެ 31 ވަނަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ ހުކުމް ކުރުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާޗު މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ކަމަށާއި ކަމެއް ސާފުކުރަން ޖެހިއްޖެނަމަ އޭގެ ކުރިއަށް އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށެވެ.

މި މައްސަލައިގާ ދައުވާކުރި މީހުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މިއަދު ކުރިއަށްގެން ދިޔައީ ހުލާސާ ބަޔާން އިއްވުމެވެ. މިއަދު ދައުލަތުން ބުނީ ނަދީމަށް ހަމަލާ ދިނީ މަފާޒް ކަން އެނގޭ ކަމަށާއި ދެން ތިބި މީހުން އޭނާއާއި އެކު ބައިވެރިވާ ކަމަށެވެ. އަދި ތިން ސައިކަލެއްގައި ހަ މީހަކު ދިޔައިރު، މަފާޒްއާއި ނިފާޒް ކެފޭ ތެރެއަށް ވަން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރޭގައި ތަހުގީގުގައި ބައިވެރިވި އޮފިސަރުންނާއި އިތުރު ހެކިތަކުންނާއި މީގެ ތެރޭގައި މާލެ ތެރޭ ބަހައްޓާފައި ހުންނަ ސީސީޓީވީ ފުޓޭޖްތަކާއި މަފާޒް ފެނުނު ކަމަށް ބުނާ މީހެއްގެ ހެކި ބަސް ވެސް ހިމެނެއެވެ.

ދިފާއުން ވަނީ އެ ތަނުގެ އެތެރެއިން ފެނުނީ މަފާޒްއާއި ނިފާޒް ކަން ސާބިތުވާ ވަރުގެ ހެއްކެއް ދައުލަތުން ހުށައަޅައިފާ ނުވާ ކަމަށެވެ. އަދި މަފާޒް ދަންނަ ކަމަށް ބުނެ ޝަރީއަތަށް ހެކި ބަސް ދިން ގިނަ މީހުން ވީޑިއޯއިން ފެންނަނީ އޭނާ ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ނަދީމު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފާވާއިރު އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.