މިފެށޭ ރޯދަ މަހު ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.

މިސްކިތް ނުހުޅުވި ގިނަ ދުވަސްތަކެއް ވުމަށް ފަހު ރޯދައަށް ހުޅުވާލާއިރު މިސްކިތައް ބޭނުންވާ ގިނަ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިސްކިތް ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ވަނީ މީގެ ކުރިން ސައުދީއިން ރާއްޖެ ވަޑައިގެންނެވި ވަފުދަކާ މަޝްވަރާ ވެސް ކޮށްފައެވެ. އަދި މިސްކިތް ހުޅުވުމަށް 2 މިލިއަން އެމެރިކާ ޑޮލަރު ސައުދީން ދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

މިސްކިތް ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ސަރުކާރުން ބުންޏެވެ. އެކަމަކު، އެންމެ ފަހުން ސަރުކާރުން ބުނެފައި ވަނީ އެތަން ރަސްމީކޮށް ނުހުޅުވި ލަސްވީ ކޮވިޑާ ގުޅިގެން ސައުދީގެ އިސް ބޭފުޅުންނަށް ވަޑައިނުގެންނެވިގެން ކަމަށެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.

ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ކިންގް ސަލްމާން މިސްކިތަކީ އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ބިނާ ކުރި މިސްކިތެކެވެ. ކިންގް ސަލްމާން މިސްކިތަކީ ޖުމްލަ 4 ފަންގިފިލާއެއް ހިމެނޭ ގޮތަށް ގުރްއާނާ ބެހޭ މަރުކަޒަކާއި ކުތުބުހާނާއަކާއި ކްލާސްރޫމް ތަކެއްގެ އިތުރުން ޖަލްސާކުރާ މާލަމެއް ހިމެނޭ 41500 އަކަފޫޓުގެ ބޮޑު މިސްކިތެކެވެ.