އެމްޑަބްލިޔުއެސްސީއިން އދ. ހަންޏާމީދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 70 ޕަސެންޓް މަސައްކަތްތަކާއި 4.91 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ނިމިފައިވާ ކަމަށެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތާއި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތާއި ފެން ރައްކާކުރާ ތާނގީގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ އިތުރުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަންޏާމީދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ފެން ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މި މަޝްރޫއަށް ޖުމްލަ 21 މިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވެއެވެ.