ޒުވާނުންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ ޕާޓީ ޑްރަގްސް އެތެރެކުރާ އަދަދުތައް އަންދާޒާ ކުރަން ނޭނގޭ ކަމަށާއި، ޕާޓީ ޑްރަގްސްގެ އަވައިގައި ޒުވާނުން ޖެހި، ޕާޓީ ޑްރަގްސްގެ ވިޔަފާރި ކުރުމަށްޓަކައި އެތެރެކުރާ ޕެކޭޖުތައް ހޯދަންވެސް ފަސޭހަނޫން ކަމަށް އިއްޔެ ފުލުހުންގެ އޮފިސަރަކު ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖޭގައި ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަ، ނުވަތަ "ޓްރެންޑް" ވަމުން އަންނަ، އެކި ގައުމުތަކުން ތަފާތު ނަންނަމުގައި އެތެރެކުރާ ޕާޓީ ޑްރަގްސްގެ ހާލަތު، އަދި އެއާ ގުޅިފައި ހުރި ނުރައްކާތައް އެ އޮފިސަރު ސިފަކޮށްދެއްވި ގޮތެވެ. އެ އޮފިސަރު އިތުރަށް ވިދާޅުވި ގޮތުގައި، 2019 އިން ފެށިގެން މިއަދާ ހަމައަށް، ޕާޓީ ޑްރަގްސް ބޭނުން ކޮށްގެން 21 މީހުން އޯވަޑޯޒް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ޑްރަގާ ބެހޭ ހާލަތު ވިދާޅުވެ، އަދި ޑްރަގާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން އިއްޔެ މައުލޫމާތު ދެއްވަމުން، އޮފިސަރު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އާންމު ގޮތެއްގައި ޒުވާނުންގެ މެދުގައި މަގްބޫލު ވެފައި ވަނީ މެތަމްފެޓަމައިން، ނުވަތަ ކްރިސްޓަލް މެތު ކިޔާ ޕާޓީ ޑްރަގެއްގެ ބާވަތެއް ކަމަށެވެ. އެ ނޫންވެސް އެކި ނަންނަމުގައި ޕާޓީ ޑްރަގްސް ދަނީ އެތެރެ ކުރަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ "މިއައޮ" ކިޔާ ބާވަތަކާއި، ބިދޭސީންގެ މެދުގައި މަގްބޫލު "ޔަބާ،" އަދި "އެލްއެސްޑީ" އާއި "އެކްސްޓަސީ" ވެސް ހިމެނެއެވެ.

ފުލުހުންގެ އޮފިސަރު ފާހަގަ ކުރެއްވި ގޮތުގައި މި ބާވަތްތައް އެކި ގޮތްގޮތަށް ބޭނުން ކުރެއެވެ. އެގޮތުން ހިމުން ފުށްތަކެއްގެ ގޮތުގައި، ނުވަތަ ގުޅައެއްގެ ސިފައިގައި، ނުވަތަ އިންޖެކްޝަން ޖަހައިގެން ބޭނުން ކުރަމުން ދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާޓީ ޑްރަގްސް އެތެރެކުރުމަށް ތަފާތު އުކުޅުތަކެއް

1. އޯޑާކުރަނީ "ޑާކް" ވެބުން!

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އާންމު ގޮތެއްގައި ރާއްޖެއަށް ޕާޓީ ޑްރަގްސް އެތެރެކުރަނީ އަވަށްޓެރި އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަދި ގަލްފުގެ ސަރަހައްދުން އީރާނުން ކަމަށާއި، ވިލާތުގެ ބައެއް ގައުމުތަކުންނާއި، އެފްރިކާގެ ބައެއް ގައުމުތަކުންނެވެ. އޭގެ ތެރޭގައި ބެލްޖިއަމް، ތުރުކީވިލާތް، ޖަރުމަންވިލާތް، ނެދަލޭންޑްސް، ގްރީސް، އަދި ނައިޖީރިއާވެސް ހިމެނެއެވެ.

ޕާޓީ ޑްރަގްސް އެތެރެކުރާ މީހުން އެ ތަކެއްޗަށް އޯޑަރު ކުރަނީ ޑާކް ވެބުންނެވެ. ޑާކް ވެބަށް ވަދެވެނީ ވަކި ވައްތަރެއްގެ ސޮފްޓްވެއާއެއް، އަދި ވަކި ގޮތަކަށް ފަރުމާކޮށްފައިވާ ސެޓިންގްތައް ބޭނުން ކޮށްގެންނެވެ. ޑާކް ވެބް ބޭނުންކުރާ މީހާ އޭގެ ފަހަތުގައި ހުރެ، އެ މީހަކީ ކާކުކަން ނޭނގޭ ގޮތަށް އެހެން މީހުންނާ މުއާމަލާތު ކުރެއެވެ. އޭގެ ތެރެއިން އާންމު ގޮތެއްގައި ޑާކް ވެބް މެދުވެރިކޮށް މުއާމަލާތު ކުރަނީ "ޓޯރް" ކިޔާ އޯޕަން ސޯސް ސޮފްޓްވެއާއެއް ބޭނުން ކޮށްގެންނެވެ.

2. ޕިކްޕޯސްޓުން އެތެރެކުރާ ހުސްފޮށިތައް، އަދި އެހެނިހެން ސާމާނުތަކުގައި!

ޕޯސްޓު މެދުވެރިކޮށް ބޭސް ގުޅައިގެ ގޮތުގައި ޑްރަގްސް އެތެރެކޮށްފައި ހުންނަ ގޮތް / ފޮޓޯ: އަހުމަދު އިޔާދު | ދަ ޕްރެސް

އިއްޔެ ނޫސްވެރިންގެ ކުރިމަތީގައި ފުލުހުން ވަނީ ޕިކްޕޯސްޓުން ގެނައި ފޮށިތަކުގެ ތެރެއިން ފޮށްޓެއް ކަނޑާލާފައެވެ. އެންމެ ފުރަތަމަ އެތެރެ ބަލާލި އިރު، ފެންނަނީ ހުސް ފޮށްޓެކެވެ. ނަމަވެސް ފޮށި އަރިމަތިން ކަނޑާލިއިރު، ފޮށިގަނޑުގެ އަރިމަތީގައި ވަށައިގެން ހުރީ ހުސް ގުޅައެވެ.

މީގެ އިތުރުން ތަފާތު އެހެން ގޮތްގޮތަށްވެސް ޕާޓީ ޑްރަގްސް އެތެރެކުރަމުން ދާ ކަމަށް އެ އޮފިސަރު މައުލޫމާތު ދެއްވިއެވެ.

"ކުޑަކުދިން ކުޅޭ ކުޅޭ ތަކެތީގަ ސީޑީތަކުގަ، މިކަހަލަ ބައިވަރު ގޮތްގޮތަށް މި އެއްޗިހި އެތެރެކުރޭ."
އޮފިސަރު

އެގޮތުން، ކޮވިޑުގެ ކުރިން 13،000 ފޮށި ދުވާލަކަށް އެތެރެކުރެއެވެ. ނަމަވެސް އެ އަދަދު 4،000 އަށް ސޮއްސާލާފައި ވާއިރު، ބައެއް ފޮށިތަކުގައި ޕާޓީ ޑްރަގްސް އެތެރެކުރާކަން އެނގުނު ނަމަވެސް، އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތްކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ހައި ރިސްކް ގައުމުތަކުގެ ގޮތުގައި ބެލެވޭ ގައުމުތަކުން އެތެރެކުރާ ފޮށިތައް މިހާރު ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެއާއެކު، މިގޮތަށް ބައިވަރު ފޮށިތައް އެތެރެކުރާތީ ޕާޓީ ޑްރަގްސް އަތުލުމުގައި ތަފާތު ގޮންޖެހުން އެބަހުރި ކަމަށްވެސް ބުންޏެވެ.

ޑީލަރުންނަށް ފައިދާ، ކުޑަކުދިންގެ ތެރޭގައިވެސް ޕްރޮމޯޓް ކުރަނީ!

ޒުވާނުންގެ މެދުގައި ޕާޓީ ޑްރަގްސް މަގްބޫލު ވެފައިވާއިރު، ޑީލަރުންނަށާއި ވިޔަފާރިވެރިންނަށް ފައިދާ ލިބެނީ އެކިި ވަޒީފާ އަދާކުރަމުންދާ ޒުވާނުންގެ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، ހެރޮއިން ގްރާމަކަށް ވުރެ، ޕާޓީ ޑްރަގް ވިއްކައިގެން ޑީލަރުންނަށާއި ވިޔަފާރިވެރިންނަށް ލިބޭ ފައިދާ މާ ބޮޑެވެ. އެގޮތުން އެންމެ ގުޅައެއް 800ރ އާއި 2،000ރ އާ ދެމެދުގެ އަގެއްގައި ވިއްކަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕާޓީ ޑްރަގްސްގެ ސަބަބުން ލިބޭ ބައެއް ގެއްލުން
"މި ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު އިންސެންޓިވް އެއް މީ، މިހާ ފަސޭހަކޮށް ސެކިއުރިޓީ ހައިކޮށް ރާއްޖެއަށް އޮޑާކުރުމަށް ފަހު އަދި ޕޯސްޓުގެ ޒަރިއްޔާއިން އެމީހުންގެ ގެއަށް ފޮނުވަދޭތީވެސް."
އޮފިސަރު

ޒުވާނުންގެ އިތުރުން، ކުޑަކުދިންގެ މެދުގައިވެސް ޕާޓީ ޑްރަގްސް އަންނަނީ މަގްބޫލު ވަމުންނެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، ކުޑަކުދިންގެ މެދުގައި ޕާޓީ ޑްރަގަށް ހިތް ޖެއްސުވުމަށްޓަކައި އެކަން ކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގްރޫޕްތައް ހަދައިގެން އެ މަސައްކަތް ކުރެއެވެ. ހަމަ އެއާއެކު، ނަފްސާނީ ބަލިތަކާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ސްޓްރެސް ރިލީވާއެއްގެ ގޮތުގައި އެ ތަކެތި ޕްރޮމޯޓް ކުރަމުންދާ ކަންވެސް ފުލުހުން ފާހަގަކުރިއެވެ.

"އޭގެ ސަބަބުން ކުޑަކުދިންނަށް ޕްރޮމޯޓްވެގެން ދާ މިންވަރު އިތުރުވެގެންދާ ކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ، އަދި ހަމައެއާއެކު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސްޓްރެސް ރިލީވާއެއް ގޮތަަށް މީތި ޕްރޮމޯޓްކުރަމުން ދާ ކަން." އޮފިސަރު ވިދާޅުވިއެވެ.

"ޕާޓީ ޑްރަގްސް އަކީ އާންމު ގޮތެއްގައި މި ރާއްޖޭގައި ވިޔަފާރިކުރާ މަސްތުވާތަކެއްޗަށް ވުރެ އިތުރު ލެވަލަކަށް އިތުރު ހަރުފަތަކަށް ޖެހިފައިވާ ވިޔަފާރިއެއްކަން އަޅުގަނޑު ފާހަގަކޮށްލަން" ޕާޓީ ޑްރަގްސްގެ އަވައިގައި ޒުވާނުން ޖެހިފައިވާ މިންވަރު ސިފަކޮށްދެމުން އޮފިސަރު ވިދާޅުވިއެވެ.