ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބޭރުކޮށްލި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަފުޅު ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރުތު ސޯޝަލް" ލޯންޗްކުރައްވައިފިއެވެ.
ލިމިޓަޑް އެޑިޝަން އެޕެއްގެ ގޮތުގައި ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރުތު ސޯޝަލް" ލޯންޗްކުރައްވާފައި ވަނީ އެމެރިކާގެ އެޕަލް އެޕްސްޓޯގައެވެ.
ޓްވިޓާ، ފޭސްބުކް އަދި ޔޫޓިއުބުންވެސް ބޭރުކޮށްލާފައި ވާ ޓްރަމްޕް ލޯންޗްކު ކުރެއްވި "ޓްރުތު ސޯޝަލް"އަކީ، ޓްވިޓާއާ ދާދި އެއްގޮތް ފީޗާތަކެއް ހުރި އެޕްލިކޭޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެންމެ ފުރަތަމަ މި އެޕް ބޭނުން ކުރުމަށް ދަފުތަރު ކުރަން އުޅުނު ބައެއް މީހުންނަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެސް ހަބަރު ލިބެއެވެ.
އެގޮތުން ޑިމާންޑާ އިތުރުވެ، ބައެއް މީހުން ވެއިޓްލިސްޓަށް ލާފައި ވާކަމުގެ މެސެޖެއް ފެނިފައި ވާ ކަމަށް، ބައިނަލްއަގުވާމީ މީޑިއާއިން ވަނި ރިޕޯޓް ކޮށްފައެވެ.
މި މަޝްރޫއުގައި އިސްކޮށް ހުންނަވާ ކުރީގެ މަޖިލީސް މެންބަރު ޑެވީން ނަންސް ވިދާޅުވާ ގޮތުގައި، އެންމެ ފުރިހަމަ ގޮތުގައި އެޕްގެ މަސައްކަތްތައް އޮޕަރޭޓް ކުރެވޭނީ، މާޗް މަހުގެ ފަހުކޮޅުއެވެ.
އެޕްސްޓޯގެ މައުލޫމާތަށް ބަލާއިރު މިހާރުވެސް "ޓްރުތު ސޯޝަލް" ވަނީ އަޕްޑޭޓް ކޮށްފައެވެ. މިހާރު ލިބެން ހުރީ ވާޝަން 1.0.1 އެވެ. އަދި އެއީ "ބަގް"ތަކެއްގެ މައްސަލަ ހައްލު ކުރުމަށް ގެނައި އަޕްޑޭޓެއް ކަމަށް ހަބަރު ލިބެއެވެ.
ނަންސް ވިދާޅުވާ ގޮތުގައި "ޓްރުތު ސޯޝަލް" އަކީ ސެންސަރު ކުރުމުން މިންޖުވެފައިވާ ތަޖުރިބާއެއް ލިބޭނެ ޕްލެޓްފޯމެކެވެ. ނަމަވެސް، އެޕްސްޓޯއާއި ގޫގްލް ޕްލޭ މެދުވެރިކޮށް ލިބެން ހުންނަ އެޕްތަކަކީ ވަކި އިމެއްގެ ތެރެއިން ދޫކުރާ އެޕްތަކަކަށް ވާއިރު، އެ ގަވައިދުތަކާ ހިލާފުވާ އެޕްތައް، އެ ވިއުގާއިން ނަގައެވެ.