ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ތާވަލްކޮށްފާ ވަނީ މިއަދު ހެނދުނު 9:30 އަށެވެ.

ނަދީމްގެ މަރާ ގުޅިގެން ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށް ތޫނު އެއްޗަކުން ހަމަލަދީ މީހަކު މެރުމުގެ ދައުވާ އުފުލާފައިވެ އެވެ. އަދި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ އިތުރުން ލ. ގަން ވިދާތަރި އަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.

ޖުލައި 27، 2017 ވަނަ ދުވަހުގެ ހަވީރު ނަދީމު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު އެތަނަށް ވަދެ އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީފާވާއިރު އޭނާ މަރުވީ އެ ހަމަލާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

އޭނާގެ މަރާ ގުޅިގެން، އެ ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލިއެވެ.