އިބްރާހިމް މަހުމޫދު ދިރިއުޅެމުން ދިޔަ ކޮޓަރީގެ އެނދުދަށުން މަސްތުވާތަކެތި ފެނުނު ކަމުގައި ވިޔަސް އެތަނަކީ ކުރީގެ އަނބިމީހާއާއި ގިނަ ބަޔަކު ވަދެ އުޅޭތަނެއް ކަމުން އެ ދައުވާއިން އޭނާ ސަލާމަތް ވެއްޖެއެވެ.

މާޗް 13، 2017 ވަނަ ދުވަހުގެ ހަވީރު 5:13 ހާއިރު ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޯޓު އަމުރެއްގެ ދަށުން މަހުމޫދު ދިރިއުޅެމުން ދިޔަ ގެ، ގ. ޒަމާންގެ 5 ވަނަ ފަންގިފިލާގައި އޭނާ ދިރިއުޅެމުން ދިޔަ ކޮޓަރި ވަނީ ބަލާ ފާސްކޮށްފައެވެ. އަދި އެ ކޮޓަރި އެނދުދަށުން 940.6376 ގްރާމުގެ ކެނެބިސް ވަނީ ފެނިފައެވެ.

14 ގްރާމަށް ވުރެ ގިނައިން މީހެއްގެ އަތުން ކެނެބިސް ފެނިއްޖެނަމަ ޓްރެފިކް ކުރުން ކަމުގައި ބެލެވޭނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މަސްތުވާތަކެތީގެ ގާނޫނު ނަންބަރު 17/2011 ގެ 108 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން މަހުމޫދުގެ މައްޗަށް ވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކޮށްފައެވެ. އަދި އޭގެ އަދަބެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި ވަނީ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދު އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

ދައުލަތުން ވަނީ މަހުމޫދުގެ ކޮޓަރިން މަސްތުވާތަކެތި ފެނުނުކަން ސާބިތުކުރުމަށް 7 ފުލުހުންގެ ހެކިބަސް ހުށައަޅާފައެވެ. އަދި މަސްތުވާތަކެތި ތަހުލީލުކުރި ފަރާތުގެ ހެކިބަސް ވެސް ވަނީ ހުށައަޅާފައެވެ. މީގެ އިތުރުން ދައުލަތާއި ދިފާއުން ވެސް ވަނީ ރ. ރަސްގަތީ، ރެޑްހައުސް، މުހައްމަދު ޝާހިދު ނަމަކަށް ކިޔާ މީހެއްވެސް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.

ދައުލަތުން ޝާހިދު ހެއްކެއްގެ ގޮތުގައި ހުށައެޅީ މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ މަހުމޫދު ކުއްޔަށް ހިފައިފާ ހުންނަ އެޕާޓްމަންޓެއް ކަމަށާއި މަސްތުވާތަކެތި ފެނުނީ އޭނާގެ ކޮޓަރިންކަން ސާބިތު ކުރުމަށެވެ. އަދި ދިފާއުން ޝާހިދު ހެއްކެއްގެ ގޮތުގައި ހުށައަޅައިފާ ވަނީ އެ ކޮޓަރިއަކީ ހަމައެކަނި މަހުމޫދު ބޭނުން ކުރަމުން ދާ ކޮޓަރިއެއް ނޫން ކަމަށާއި އެ ކޮޓަރިއަކީ އެގެއަށް ވަންނަ އަދި އެ ގޭގައި ދިރިއުޅޭ މީހުންނަށް ވަދެ ނިކުމެވޭގޮތަށް ތަޅުލާފައި ހުރި ތަނެއްނޫންކަން ސާބިތު ކޮށްދިނުމަށެވެ.

ޝާހިދު ހެކިބަސް ދެމުން ބުނެފައި ވަނީ އެ ކޮޓަރިއަކީ މަހުމޫދާއި އޭނާގެ ދަރިފުޅު މުހައްމަދު ޖައިލަމް އިބްރާހިމް ވެސް އުޅޭ ކޮޓަރި ކަމަށާއި މަހުމޫދު ގޭގައި ނޫޅޭ ވަގުތުތަކުގައި ޖައިލަމްއާއެކު ފާޑުފާޑުގެ "ބޯދިގުކޮށްފާ" ތިބޭ މީހުންވެސް އެކޮޓަރިއަށް އައިސް އުޅޭ ކަމަށެވެ. އަދި މަހުމޫދު ނޫޅޭ ގަޑިތަކުގައި އޭނާގެ ކުރީގެ އަނބިމީހާއާއެކު ބަނގްލަދޭޝް މީހުންވެސް އެކޮޓަރިއަށް ވަދެ ހަދާކަމަށާއި އެމީހުންގެ އެއްޗެހި ވެސް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށް ވެސް ބުނެފާވެއެވެ.

އެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއްވި ހުކުމުގައި ފާހަގަ ކުރެއްވީ އޭނާގެ މައްޗަށް ކުށް ސާބިތުވާން، ކުށުގެ މާއްދީ އަދި މައުނަވީ ރުކުން ސާބިތުވާން ޖެހޭ ކަމެވެ. މާއްދީ ރުކުން ސާބިތުވާން ޑްރަގް ފެނުނު ކަމާއި، ފެނުނު ޑްރަގަކީ ދައުވާ ލިބުނު މީހާގެ އަތުން ފެނުނު އެއްޗެހިކަން ސާބިތުވާން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ. ނިޔަތް ނުވަތަ މައުނަވީ ރުކުނަކީ ޑްރަގްކަން އެނގި ހުރެ އެ އެއްޗެއް އަތުގައި ބެހެއްޓުމެވެ. ނުވަތަ އެހެން މީހަކު ގެނައި އެއްޗަކީ ޑްރަގްކަން އެނގި ހުރެ އެ އެއްޗަކުން ބަރީއަނުވެ ހުރުމެވެ. އެހެންކަމުން މަހުމޫދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.