އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މޭރީގެ މަރުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ލަމްހާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ގައެވެ. ތިން ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި ލަމްހާގެ ގެއިން ފެނުނު އެންޖެކްޝަނެއްގެ އަސަރު މޭރީގެ ލެއިން ފެނިފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށް ދައުލަތުގެ ވަކީލު އަހްމަދު ނައުފަލް ވިދާޅުވިއެވެ.

މީގެ އިތުރުން ފިޒިކަލް އެގްޒަމިނޭޝަން ރިޕޯޓް ހަވާލާދީ ނައުފަލް ވިދާޅުވީ ސަކްސިނައިލްކޮލިން އިންޖެކްޝަންގެ 10 އެމްއެލް ހުންނަން ޖެހޭ އެއްޗެއްގައި ބާކީ ހުރީ ހަތަރު އެމްއެލް ކަމަށެވެ. އަދި އޭގެ ސީލް ވެސް ހަލާކުވެފައިވާ ކަން ފާހަގަކުރައްވާ ނައުފަލް ވިދާޅުވީ މޭރީގެ ހަށިގަނޑުގައި ވެސް އިންޖެކްޝަން ޖަހާފައި ހުރި ފަދަ ނިޝާންތަކެއް ފެނިފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ މަހުގެ 15 ވަނަ ދުވަހު އެ މައްސަލައިގެ ދައުވާތައް އިއްވާ، ހެކިތައް ހުށަހެޅުމުގެ މަރުހަލާ ފަށުމަށް ނިންމުމަށްފަހުއެވެ.