ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އިޖުރާއަތާއި ހިލާފުވެފައިވާ ކަމަށް ބެލެވިގެން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ ބޯޑަށް ހާޒިރުކުރަން ނިންމައިފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، މާދަމާ މެންދުރުފަހު 2 ޖަހާއިރު ފުލުހުންގެ ބޯޑަށް ހާޒިރުކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވާ ކަމަށް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ކޮމިޝަނަރު ވިދާޅުވީ، އޭނާ ފުލުހުންގެ ބޯޑަށް ހާޒިރުކުރަނީ މާލެއާއި މާލެ އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު، އެ އޮޕަރޭޝަންގެ ތެރޭގައި އިޖުރާއަތެއް ގޯސްކޮށް ހިނގާފައިވާ ކަމަށް ބެލެވޭތީވެ، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ބޯޑުގައި އެދިފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ.

ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، ބައެއް ފަހަރު އިޖުރާއީ ކަންކަން ގޯސްކޮށް ހިނގާފައި އޮތުމުގެ ސަބަބުން، ޕްރޮސެކިއުޝަން މަރުހަލާގައި، އަދި ޝަރީއަތުގައި ފުލުހުންގެ ފަރާތުން ހެކި ހުށަހެޅުމާއި ވާހަކަ ދެއްކުމުގައި މައްސަލަ ހުރުމުގެ ސަބަބުން ކޯޓު މަރުހަލާއިން ކުށްވެރިން ދޫވެގެން ދެއެެވެ.

މިގޮތަށް ކަންކަން ދިމާވަނީ ނިޒާމުގައި މައްސަލަ ހުރުމުން ކަމަށާއި، ނިޒާމް ރަނގަޅުކުރަން ޖެހޭ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

"އަޅުގަނޑަށް މިއަދު ލިބޭ ހިތްހަމަޖެހުމަކީ ފުލުހުން ކަމެއް ގޯސްކޮށް ކުރިކަމަށް ގަބޫލު ކުރެވިގެންވެސް ޖަވާބުދާރީ ކުރުވުމަށް އެކި ދިމަދިމާލަށް އަޅުގަނޑުމެން ގޮސް އެކަންތައްތަކާ ވާހަކަ ދެކެވި، މިއަދު އެ ޖާގަ އޮތީތީ." ފުލުހުންގެ ބޯޑަށް ހާޒިރުވުމާ ގުޅޭގޮތުން ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިޒާމެ ފުރިހަމަވުމުގެ ސަބަބުން، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ލިބި، ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ނިޒާމަށް ހެޔޮ ބަދަލުތަކެއް އައުމުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މާހައުލެއް ބިނާކުރުމަށް މަުފަހިވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއީ މިފަދަ މައްސަލައަކާ ގުޅިގެން، ކޮމިޝަނަރު ފުލުހުންގެ ބޯޑަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.