ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓް ހައުސް ދޫކުރައްވާ ފްލޮރިޑާގެ އަމިއްލަ ގެކޮޅަށް ވަޑައިގެންނެވީ، ސިއްރު ލިޔެކިއުންތަކެއްވެސް ހިއްޕަވައިގެން ކަމަށް އެމެރިކާގެ ނޭޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ނޭޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނަކީ އެމެރިކާގެ ރިޔާސީ ލިޔެކިއުންތަކާ ކިތާބުތަކާ ބެހޭ މައި އިދާރާއެވެ. ނޭޝަނަލް އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަނުން މި މައުލޫމާތު ހިއްސާ ކޮށްފައި ވަނީ އެމެރިކާގެ ކޮންގްރެސްއާއެވެ.

މަޖިލިސް މެންބަރު ކެރޮލައިން މެނޯލީއަށް ފޮނުއްވި ސިޓީއެއްގައި އެމެރިކާގެ އާކައިވިސްޓް ޑޭވިޑް ފެރެއިރޯ ވިދާޅުވީ، ޓްރަމްޕް ގެންދެވި ފޮށިގަނޑުތަކުގެ ތެރެއިން، ގައުމީ ސަލާމަތާ ގުޅުން ހުރި ސިއްރު ލިޔެކިއުންތަކެއް ކަމަށް ލޭބަލް ކޮށްފައި ވާ ލިޔެކިއުންތަކެއް ފެނިފައި ވާ ކަމަށެވެ.

މިހާރު އެމެރިކާގައި ވެރިކަން ކުރަމުން އަންނަ ޑިމޮކްރަޓުންނަށް ނިސްބަތްވެވަޑައިގަންނަވާ ރެޕްރެޒެންޓޭޓިވް މެލޯނީއަކީ، ޓްރަމްޕްގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާގެ ރެކޯޑްތައް ބެލެހެއްޓެވި ގޮތާ ބެހޭ ތަހުގީގު ހިންގެވުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިންގާ ކޮމިޓީގައި އިސްކޮށް ހުންނަވާ މެންބަރެވެ.

މެލޯނީ އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ސަރުކާރުގެ ލިޔެކިއުންތަކުގެ ގާނޫނަށް ޓްރަމްޕް މާ ބޮޑު ސަމާލުކަމެއް ދެއްވާފައި ނުވާ ކަމާ މެދު އުފެދިފައި ވާ ކަންބޮޑުވުންތައް އިތުރުވެފައި ވާ ކަމަށެވެ. އަދި އެކަމަކުގެ ސަބަބުން އެމެރިކާގެ ތާރީހީ ރެކޯޑަށް ކޮށްފާނެ އަސަރާ މެދުވެސް ކަންބޮޑުވުންތައް އިތުރު ވާ ކަމަށް މެލޯނީ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ވައިޓްހައުސްގައި މަސައްކަތް ކުރެއްވި ބައެއް މުވައްޒަފުން ވަނީ، ރަސްމީ މުއާމަލާތްތަކެއް، ނުރަސްމީ އާލާތްތައް މެދުވެރިކޮށް ކުރައްވާފައި ކަމަށްވެސް ފެރެއިރޯގެ ސިޓީގައި ވަނީ ބަޔާން ކުރައްވާފައެވެ.

އެމެރިކާގައި އެކުލަވާލާފައިވާ ޕްރެޒިޑެންޝަލް ރެކޯޑްސް އެކްޓްއަކީ، ވެރިކަމުގެ ދުވަސްވަރުގެ މެމޯ، ސިޓީ، ނޯޓް، އީމެއިލް، ފެކްސް އަދި އެނޫންވެސް ގޮތް ގޮތުން ހުރި ލިޔެކިއުމުގެ މުއާމަލާތުތައް އަރުޝީފު ކުރުމަށް ބާރުދޭ ގާނޫނެކެވެ.

ވެރިކަމުގެ ދުވަސްވަރު ވައިޓްހައުސްގައި ޓްރަމްޕް ބޭނުން ކުރެއްވި ފާހާނާތަށި ތެރެއަށް ލިޔެކިއުންތަކެއް އެޅުއްވި ކަމަށް، މުވައްޒަފުންނާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ދާދި ފަހުން ވަނީ ރިޕޯޓް ކޮށްފައެވެ.