ޅ. ހިންނަވަރާއި ހދ. ކުޅުދުއްފުށި ހިމެނޭޙެން 7 ރަށެއްގައި ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
ޖުމްލަ 770 ހައުސިން ޔުނިޓް އަޅަން ފިނޭންސް މިނިސްޓްރީ އިއުލާނުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ކުޅުދުއްފުށި، ޅ. ހިންނަވަރު، ށ. މިލަންދޫ، ނ. މަނަދޫ، ނ. ހޮޅުދޫ، ލ. ގަމު އަދި ގއ. ވިލިނގިލިގިއްޔެވެ.
ހައުސިން ޔުނިޓު އަޅަން އިއުލާނުކުރި ރަށްތަކާއި އަދަދު އަދި ބިޑްސެކިޔުރިޓީގެ ގޮތުގައި ދައްކަން ޖެހޭ އަގު:
- ހދ. ކުޅުދުއްފުށި - 400 (2.1 މިލިއަން ރުފިޔާ)
- ށ .މިލަންދޫ - 50 (254,000 ރުފިޔާ)
- ނ. ހޮޅުދޫ - 30 (153,000 ރުފިޔާ)
- ނ. މަނަދޫ - 40 (204،000 ރުފިޔާ)
- ޅ. ހިންނަވަރު - 100 ( 500،000 ރުފިޔާ)
- ލ. ގަމު - 100 (510,000 ރުފިޔާ)
- ގއ. ވިލިނގިލި - 50 (254,000 ރުފިޔާ)
ފިނޭންސް މިނިސްޓްރީއިން ބުނީ ކުޅުދުއްފުށި، މިލަންދޫ، ހޮޅުދޫ، ގަން، ވިލިނގިލިގައި މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށައެޅުން މާޗު 3 ގެ 11 ޖަހާއިރު އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ. އަދި މަނަދޫ އަދި ހިންނަވަރުގެ މަޝްރޫއު ހިންގަން ބޭނުންވާ ފަރާތްތަކުން މާޗު 13 ގެ މެންދުރުފަހު 1 ޖަހާއިރު ހަމަ އެ މާލަމުގައި އޮންނާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެ ރަށްތަކުގައި ހައުސިން ޔުނިޓް އެޅުމަށް ޝަައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި ބީލަމުގައި ބައިވެރިވެވޭނީ ޕްލޭނިން މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކޮށްފައިވާ މީހުންނަށް އެކަންޏެވެ. އަދި އެ ބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01- ,GC01 02- GC01-04, GC01-03, GC01އަދި GC01-05އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ. މީގެ އިތުރުން އެ ބީލަމުގައި ބައިވެރިވެވޭނީ 500 ރުފިޔާ ގެ ނޮން ރިފަންޑަބަލް ފީއެއް ދައްކައިގެނެވެ.