ފަތުރުވެރިންތަކެއްގެ އަތުން އޮޅުވާލައިގެން އަތުލި ފައިސާތަކެއް ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ފެބްރުއަރީ 6 ވަނަ ދުވަހު ރާއްޖެއައި ފަތުރުވެރިން ތަކެއް ސަފާރީއަަކަށް ގެންގޮސްދޭނެ ކަމަށް ބުނެ އެ މީހުންގެ އަތުން ފައިސާތަކެއް އަތުލާފައިވާކަމުގެ މައްސަލައެއް ފެބްރުއަރީ 12 ވަނަ ދުވަހު އދ. ދަނގެތީ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ފައިސާތައް ހޯދުމަށް ދަނގެތީ ޕޮލިސް ސްޓޭޝަނާއި ކ. ގުޅީ ޕޮލިސް ޑެސްކު ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، ފައިސާތައް ހޯދާފައިވަނީ މި މަހު 19 ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ފައިސާތައް ހޯދާފައިވަނީ ފަތުރުވެރިން ސަފާރީއަކަށް ގެންގޮސްދޭނެ ކަމަށް ބުނި މީހާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައިވަނިކޮށް ކަމަށެވެ.

އެގޮތުން، 1050 ޔޫއެސް ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ދަނގެތީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.