ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި މިދިޔަ މަހު ހައްޔަރުކުރި އުމުރުން ދުވަސްވީ ދެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ދިވެހިންނާއި ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ؛
- މުހައްމަދު ވަހީދު، 65 އަހަރު / ހ. ސީސްޕީޑް
- މޫސާ ފަތުހީ، 55 އަހަރު / ރޯޝަނީމާގެ / އައްޑޫ ހިތަދޫ
އެ މައްސަލާގައި ފުލުހަކާއި ބިދޭސީއެއްވެސް ހައްޔަރުކޮށްފައި ވާއިރު، އެ ދެ މީހުންވެސް ތިބީ ބަންދުގައެވެ.
ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، އެ މައްސަލައާ ގުޅިގެން، ވަހީދާއި ފަތުހީއަށް ޖަހާފައިވާ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް އިތުރުކޮށްފައި ވާއިރު، އިއްޔެއަށް އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވެއެވެ. އެހެންކަމުން އިއްޔެގެ އަޑުއެހުމަކީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
އިއްޔެގެ އަޑުއެހުމުގައި ވަހީދުގެ ދިފާއުން ބުނެފައި ވަނީ ވަހީދަކީ އުމުރުން ދުވަސްވީ އަދި ސިއްހީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި، އޭނާއަށް ބޭނުންވާ ފަރުވާ ނުލިބޭ ކަމަށެވެ. އަދި ޖަލަކީ އޭނާ ފަދަ މީހަކު ބަހައްޓަން އެކަށީގެންނުވާ ތަނެއް ކަމަށް ބުނެ، އޭނާ ދޫކޮށްލަން އެދުނެވެ.
ފުލުހުން ބުނީ، ހިއުމަން ޓްރެފިކިންގެ މައްސަލާގައި ހިމެނޭ ވަހީދުގެ ފޯނުން، އެ މައްސަލާގައި އަނިޔާ ލިބިފައިވާ މީހުން ރާއްޖޭން ބޭރުން ގެނައުމުގައި އަދި އެ މީހުންގެ ބޭނުން ނަހަމަގޮތުގައި ހިފިކަމުގެ ހެކި އޭނާގެ ފޯނުން ލިބެން އެބަހުރި ކަމަށެވެ. އަދި އޭނާއަށް ދޭންޖެހޭ ފަރުވާތައް ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، ކޯޓުން ކުރި އަމުރުގައި ބުނީ ވަހީދަށް ސިއްހީ ފަރުވާ ލިބެމުން އަންނަ ގޮތް އެނގޭނެ ފަދަ ލިޔެކިއުންތައް ހުށަހަޅާފައި ނުވާތީ، އޭނާއަށް ބޭސްފަރުވާ ލިބެމުންދާކަން ޔަގީން ކުރެވިފައި ނުވާ ކަމަށާއި، ދެން އޮންނަ އަޑުއެހުމަށް ދެ ފަރާތުންވެސް އެކަމާ ގުޅޭ ލިޔެކިއުންތައް ހުށަހެޅުމުން ގޮތެއް ނިންމާނެ ކަމަށެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފައެވެ. އެގޮތުން ވަޒީފާގެ ނަމުގައި އަދިވެސް ގިނަ ބަޔަކު އޮޅުވާލައިގެން ރާއްޖެއަށް ގެނައުންވެސް ހިމެނެއެވެ.