ޅ. ނައިފަރުގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 100 ފްލެޓަށް ވަންނަ މީހުން ފުރަތަމަ ތިން މަހު ކުލި ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.

ނައިފަރު ކައުންސިލްގެ ލޯގޯ އާއި ވެބްސައިޓް ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ފުރަތަމަ ތިން މަހުގެ ކުލި މައާފްކޮށްފައި ވާކަން ސަރުކާރުން ކައުންސިލަށް އަންގާފައި ވާ ކަމަށެވެ.

މި ފްލެޓްތަކަށް ވަންނަން ތިބި ފަރާތްތަކަށް އޮތް އުފާވެރި ހަބަރަކީ މި ފްލެޓްތަކަށް ވަންނަ މީހުންގެ ކުލި ތިން މަސް ދުވަސް ފަހުން ހިނގާ ގޮތަށް މި ސަރުކާރުން އަދި ހައުސިން މިނިސްޓްރީގެ ފަރާތުން މިހާރު ހަމަޖައްސައި ދީފައި ވުން
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު

މީގެ އިތުރުން ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ވެސް ސަރުކާރާ އެކު މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ވަނީ ނައިފަރުގެ ހައުސިން ޔުނިޓުތައް، ރަސްމީކޮށް އެ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

މި 100 ހައުސިން ޔުނިޓް ލިބުނު މީހުން އަންނަ މަހުން ފެށިގެން އެތަނަށް ބަދަލުވާން ފަށާނެއެވެ.

ނައިފަރުގައި އެޅި 100 ހައުސިން ޔުނިޓުން ކުރެ ކޮންމެ ޔުނިޓެއްވެސް ހަދާފައި ވަނީ 1000 އަކްފޫޓުގެ ޖާގައެއްގައި 3 ކޮޓަރި ހުންނަ ގޮތަށެވެ.