ޅ. މަޑިވަރު އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގަށް ރަނގަޅު ހައްލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ޅ. ނައިފަރުގެ 100 ހައުސިން ޔުނިޓް އެ ރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މަޑިވަރު އެއާޕޯޓު ހުޅުވުމަކީ ޅ.އަތޮޅުގެ އިގްތިސާދަށް އާ ދިރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއްތަނުން އަނެއް ތަނަށް މީހުންނަށް ފަސޭހައިން ދަތުރު ކުރެވި، މުދާ އެއްތަނުން އަނެއް ތަނަށް ގެންދެވުމަކީ އިގްތިސާދެއް ކުރިއަރާނެ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ޓިކެޓްގެ އަގުގެ މައްސަލަ ކަމަށެވެ.

މިހިސާބަށް އަންނަން 1020 ރުފިޔާ، ކޮޅަކަށް ހަރަދުކުރަން ޖެހުނީމާ، އެ ބަލައިގަންނަން މި އަތޮޅުގެ ރައްޔިތުންނަށް ކުޑަކޮށްދަތި. މިއަދު އަޅުގަނޑަށް މިތާހުރެ ވަކިގޮތެއް އޭގައި ތިޔަބޭފުޅުންނާ ހިއްސާކޮށްލަން ދަތިވިނަމަވެސް، އިރާދަކުރެއްވިއްޔާ، އަޅުގަނޑު އައިލެންޑް އޭވިއޭޝަނާ އެ ވާހަކަ ދައްކައި، އެކަމަށް ރަނގަޅު ހައްލެއް، ލަސްތަކެއްނުވެ ގެނައުމުގެ މަސައްކަތް އަޅުގަނޑު ކޮށްދޭނަން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޑިވަރު އެއާޕޯޓު އިއްޔެ ރަސްމީކޮށް ހުޅުވާފައި ވާއިރު، އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އެ އެއާޕޯޓުގެ އެއްކޮޅަށް ޓިކެޓެއް ލިބެނީ 1،029ރ އަށް ވާއިރު، ދެކޮޅު ޓިކެޓެއްގެ އަގު އުޅެނީ 2،058ރ އަށެވެ.