ޅ. ނައިފަރުގައި ހެދި 100 ހައުސިން ޔުނިޓް ނައިފަރު ކައުންސިލާ ހަވާލުކޮށްފިއެވެ.
ނައިފަރުގައި އެޅި 100 ހައުސިން ޔުނިޓުން ކުރެ ކޮންމެ ޔުނިޓެއްވެސް ހަދާފައި ވަނީ 1000 އަކްފޫޓުގެ ޖާގައެއްގައި 3 ކޮޓަރި ހުންނަ ގޮތަށެވެ.
ނައިފަރުގައި ހެދި 100 ހައުސިން ޔުނިޓް އެރަށު ކައުންސިލާ ހަވާލުކުރުމަށް މިއަދު ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ހައްލު ހޯދައިދިނުމަށް، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ނައިފަރުގައި އެޅި 100 ހައުސިން ޔުނިޓް ނިންމާ، އޭގެ ހައްގުވެރިންނަށް ހަވާލުކުރުމަށްޓަކައި މިހާރު ކައުންސިލާ ހަވާލުކުރެވިފައިވާ ކަމަށެވެ.
މީގެ ސަބަބުން ނައިފަރުގައި ގެދޮރުވެރިކަން ނެތް އެތައް އާއިލާއެއްގެ ތެރެއިން ކޮންމެވެސް ބަޔަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މިއީ ނައިފަރަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތިކަމަށް އޮތް މުޅި ހައްލު ނޫން ކަން ފާހަގަ ކުރައްވާ ނައިފަރަކީ ބޯހިޔާވަހިކަމަށް އެތައް ސަތޭކަ ބަޔަކު ބޭނުންވެފައި އޮތް ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާބާދީގައި 5000 އަށް ވުރެ ގިނަ މީހުން އޮތް ނައިފަރުގައި ވަޒަންވެރިވެ އުޅޭ މީހުން އަދި އެއަށް ވުރެ ގިނަ ކަމަށެވެ. އަދި ނައިފަރުގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، އިއްޔެއަކު މިއަދަކު އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ނައިފަރުގައި މީގެކުރިން 25 ރޯހައުސް އެޅިގެން ދިޔައީ، އެމްޑީޕީގެ ކުރީގެ ސަރުކާރުގައި، ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ. އެއަށްފަހު ކަންދިމާކުރިގޮތުން، އެރަށުގައި 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމިގެން މިދަނީ، އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ފްލެޓްތަކަކީ ވަރަށްދަތި އުނދަގޫ ދުވަސްވަރެއްގައި، މުޅި ދުނިޔެ ބަންދުވެފައި އޮއްވައި ސަރުކާރުން ހިންގި މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއު ހިންގުމަށް ހަވާލުކުރި ފަރާތަކީ އާރުސީސީ ކޮންޓްރެކްޓް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ މިހާރު ވެސް 14 ރަށެއްގައި 1575 ހައުސިން އެޅުމުގެ މަސައްކަތް، ޕްލޭނިން މިނިސްޓްރީން ފަށްޓަވައިގެން ކުރިއަށް ގެންދާ ކަމަށެވެ. އޭގެތެރެއިން 8 ރަށެއްގެ މަސައްކަތް، 970 ފްލެޓުގެ ބޯހިޔާވަހިކަމުގެ ގެދޮރުވެރިކަމުގެ މަސައްކަތް މިހާރު ޓެންޑާ ކޮށްފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.