ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ސައިކަލްގައި ރެ ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ތެރެއިން 2 މީހަކު ދޫކޮށްލައިފިއެވެ.

މި މަމައްސަލައިގައި ހައްޔަރު ކުރީ 22އ އާއި 27އ އާއި 31އ ގެ ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ މީހާ ބަނދުގައި ބަހައްޓަން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި އަނެއް ދެމީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

މިލަދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް ގޮސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް ވަނީ އިންޒާރުދީފައެވެ. އެއަށްފަހު، އެ ރޭ ދަންވަރުގެ ވަގުތެއްގައި ދެ މީހަކު ބައިވެރިވެގެން އެ ފުލުސް އޮފިސަރުގެ ސައިކަލުގައި ވަނީ ރޯކޮށްލާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެ މީހާ އިންޒާރުދީފައި ވަނީ މިލަދޫ ފުލުހުންގެ ޑެސްކް އިންޗާޖް، ސާޖަންޓް މުހައްމަދު އަރީޝަށެވެ.

މިލަދޫ އަކީ އަމާން ރަށަކަށް ހެދުމަށްޓަކައި އަރީޝް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އަރީޝްގެ ސައިކަލުގައި ރޯކޮށްލި މީހުންގެ މައްސަލަ ބަލައި އެ މީހުން ހައްޔަރު ކުރުމަށްޓަކައި ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވަބާ ރާއްޖޭން ނައްތާލުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސޯސަލް މީޑީއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އެކަން ކޮށްފައިވަނީ ދެމީހަކު ބައިވެރިވެގެން، ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ.