އެމެރިކާއިން ޓެރަރިސްޓެއް ކަމަށް ކަނޑައަޅާފައިވާ މީހެއްގެ އަތުން ފައިސާ ހޯދިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ހދ. ނޭކުރެންދޫ، ޝާޒިން، މުހައްމަދު މުނާޒަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މި ދިޔަ ބުރާސްފަތު ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، މުނާޒް ފައިސާ ހޯދާފައި ވަނީ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް ކަން ސާބިތު ނުވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަސް އިފިލާފައި ދައުވާގެ އުންސުރުތައް ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށް ދެވިނުވާ ކަމަށް ވެސް އެ ހުކުމުގައި ބުނެފައި ވެއެވެ.
އައިއެސްއިން ފައިސާ ހޯދައިގެން ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އިތުރުން ޓެރެރިޒަމްގެ އަމަލެއް ކުރުމަށް މުނާޒް ހިތްވަރު ދިން މައްސަލައިގައި ދައުލަތުން ވަނީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޖަސްޓިސްގެ ރިޕޯޓެއްގެ އިތުރުން ފުލުހުން އިންޓެލިޖެންސް ރިޕޯޓްތަކެއް ވަނީ ހުށަހަޅާފައެވެ. އެ ސިއްރު ރިޕޯޓްތައް ބިނާކޮށްފައި ވަނީ 'އަބޫ ޔޫސުފް' ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަތަކެއްގެ މައްޗަށެވެ. ހަމައެއާއެކު އައިއެސް މެދުވެރިކޮށް މުނާޒު ހޯދާފައިވާ ފައިސާ އޭނާއަށް ލިބިފައި ވަނީ ވެސްޓާން ޔޫނިއަން މެދުވެރިކޮށް ކަން ވަނީ ފާހަގަކޮށްފައެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން މުހައްމަދު މުނާޒް ބުނެފައި ވަނީ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. ދައުވާގެ ޖަވާބުގައި މުނާޒް ފާހަގަކޮށްފައި ވަނީ، ދައުވާގެ ފުރަތަމަ ބައިގައި މުނާޒް ބޭނުން ކުރި ކަމަށް ބަޔާން ކުރާ ފޭސްބުކް އެކައުންޓާ މުނާޒްއާ އޮތް ގުޅުން ސާފު ނުވާ ކަމަށެވެ. ދެވަނަ ކަމަކަށް، މުނާޒް ބައެއްގެ އަތުން ފައިސާ ހޯދާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ކަން ދައުވާ އާއި ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކި ގަރީނާއިން ސާފުނުވާ ކަމަށް އޭނާ ބުނެއެވެ.
އެގޮތުން މުނާޒް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ 2015 ވަނަ އަހަރު ފޭސްބުކްގައި "އަބޫ މިޝްކާ" ގެ ނަމުގައި އެކައުންޓެއް ގެންގުޅުނު ކަމާއި، 2017 ވަނަ އަހަރު "އަބޫ ޔޫސުފް" ގެ ނަމުގައި އާ ފޭސްބުކް އެކައުންޓެއް ގެންގުޅުނު ކަމަށެވެ. އެހެން ނަމަވެސް، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް އެއްވެސް ޕޯސްޓެއް ޝެއާކޮށް ލިޔެފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވީ ނަމަވެސް އެ އެކައުންޓްތަކުގައި ޓެރަރިޒަމް އަށް ހިތްވަރުދޭ ޕޯސްޓް ކޮށްފައި ނެތް ކަމަށް އޭނާ ނުބުނެއެވެ.
މީގެ އިތުރުން، ފޭސްބުކް އެކައުންޓްތަކުގެ ޕާސްވޯޑް، އޭނާގެ ދެ ރައްޓެހިން ކަމުގައިވާ އަދުހަމް އާއި ސޯލިހަށް އެނގޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ފަރާތްތަކުގެ ފޯނުން ފޭސްބުކްއަށް ލޮގިންވާ ކަމަށާއި، ފަހުން އައިސް އެ އެކައުންޓްތަކުން އޭނާއަށް ލޮގިން ނުވެވޭ ކަމަށް ބުނެފައި ވެއެވެ.