ބްރިޖް މަތިން ދަތުރުކުރަމުން ދިޔަ ތެޔޮ ބައުޒަރެއްގައި ރޯވި އިރު އެ އަލިފާން ސިފައިން ދިއުމުގެ ކުރިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ސިނަމާލެ ބްރިޖް މަތިން ދުއްވާފައި ދިޔަ ފިއުލް ބައުޒަރެއްގައި އަލިފާން ރޯވެގެން މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަލިފާން ނިއްވާލުމުގައި އުޅޭ ސިފައިން އެ ސަރަހައްދަށް ދިޔައިރު ވެހިކަލްގައި އިން ޑްރައިވަރު ވަނީ އަލިފާން ނިއްވާލައިފި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ބައެއް އަލިފާނުގެ ހާދިސާތަކުގައި ސިފައިން ދިއުމުގެ ކުރިން އާންމުންގެ މީހުން މަސައްކަތް ކޮށްގެން މީގެ ކުރިން ވެސް އަލިފާން ކޮންޓްރޯލް ކުރާ އެތައް ހާދިސާއެއް ފެނެއެވެ. ނަމަވެސް މި ހާދިސާ ހިނގީ ބްރިޖްމަތީގައި ކަމުން އެ ބްރިޖަކީ ބާރު ސްޕީޑެއްގައި ދުއްވާ އުޅަނދުފަހަރު ދުއްވާ ތަނެއް ކަމުން ނުރައްކާތެރި އެކްސިޑެންޓެއް ނުހިގާ އަލިފާން ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ބާރު ސްޕީޑުގައި ވެހިކަލްތައް އާންމުކޮށް ދުއްވާ ބްރިޖުމަތީ މި ހާދިސާ ހިނގި އިރު އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ވެސް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.