ނ. މިލަދޫގައި މަސައްކަތްކުރާ ފުލުސް އޮފިސަރެއްގެ ސައިކަލްގައި ރެ ރޯކޮށްލި ކަމުގެ ތުހުމަތުގައި 3 މީހަކު މިރޭ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މަމައްސަލައިގައި ހައްޔަރު ކުރީ 22އ އާއި 27އ އާއި 31އ ގެ ދިވެހި ފިރިހެނުން ކަމަށެވެ.

މިލަދޫ ގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް ގޮސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވި ފުލުހަކަށް ވަނީ އިންޒާރުދީފައެވެ. އެއަށްފަހު، އެ ރޭ ދަންވަރުގެ ވަގުތެއްގައި ދެ މީހަކު ބައިވެރިވެގެން އެ ފުލުސް އޮފިސަރުގެ ސައިކަލުގައި ވަނީ ރޯކޮށްލާފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުން، އެ މީހާ އިންޒާރުދީފައި ވަނީ މިލަދޫ ފުލުހުންގެ ޑެސްކް އިންޗާޖް، ސާޖަންޓް މުހައްމަދު އަރީޝަށެވެ.

މިލަދޫ އަކީ އަމާން ރަށަކަށް ހެދުމަށްޓަކައި އަރީޝް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވީ، އަރީޝްގެ ސައިކަލުގައި ރޯކޮށްލި މީހުންގެ މައްސަލަ ބަލައި އެ މީހުން ހައްޔަރު ކުރުމަށްޓަކައި ފުލުހުން މަސައްކަތް ފަށާފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވަބާ ރާއްޖޭން ނައްތާލުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

އަދި ސީޕީ އެކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވެ 3 މީހަކު ހައްޔަރު ކޮށް އެކަން ވަނީ ހާމަ ކޮށްފައެވެ.

ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސޯސަލް މީޑީއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި އެކަން ކޮށްފައިވަނީ ދެމީހަކު ބައިވެރިވެގެން، ގެއެއްގެ ގޯތިތެރޭގައި ސައިކަލް ހުއްޓައެވެ.