ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ މީހަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

2019 ވަނަ އަހަަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސައްތީކުމާރު ނަމަކަށް ކިޔާ އިންޑިއާގެ ރައްޔިތަކު، ވައިގެމަގުން ރާއްޖެ އައިއިރު އޭނާގެ ލަޖެގުން 3.9 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

މަސްތުވާތަކެތި ފެނުނީ ސައްތީކުމާރުގެ ލަގެޖުން ކަމަށާއި އެ ލަގެޖުން ފެނުނު މަސްތުވާތަކެތި ހޯދީ އޭނާގެ ހާޒިރުގައި އެ ފޮށި ހުޅުވައިގެން ކަމުން އެ ތަކެތި ފެނުނީ އޭނާގެ އަތުން ކަމަށް ހުކުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ މަސްތުވާތަކެއްޗާ ހަވާލުވާން އެހެން މީހަކު އަންނާނެ ކަމަށް ސައްތީކުމާރު މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން އެ ފޮށީގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށްވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.

ސައްތީކުމާރުގެ މައްޗަށް އުމުރަށް ޖަލައްލާން ހުކުމްކުރި ކަމުގައި ވިޔަސް ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުން އުނި ކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 6 މަސް ދުވަހެވެ. އަދި ޖޫރިމަނާގެ ގޮތުގައި ދައްކަން ހުކުމްކުރި 1 ލައްކަ ރުފިޔާ ދައްކަން އޭނާއަށް އެއް އަހަރުގެ މުއްދަތެއް ވަނީ ދީފައެވެ.