އދ. ދަނގެތީގައި މަރާލި ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރުގެ ގާތިލް، ޝާ އަލޮމް މިއާގެ މައްޗަށް މަރު ނޫން އަދަބެއް ނެތްކަން އެނގުމުން ކޯޓުގައި އޭނާ ރޮމުން މާފުކޮށްދިނުމަށް އެދި އާދޭސް ކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި މަހުމޫދުގެ ފަސް ދަރިންނާއި އަނބިމީހާގެ އިތުރުން މަންމަ ވަނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި ބޭނުމީ މަރަށް މަރު ހިފަން ކަމަށް ބުނެފައެވެ.

ދައުލަތުން ބުނީ މަހުމޫދުގެ ހުރިހާ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައިވާތީ ޝާ އަލޮމް މިއާއަށް ދޭންޖެހޭނީ މަރުގެ އަދަބު ކަމަށެވެ. އަދި ދިފާއީ ވަކީލު ވެސް ވިދާޅުވީ ވާރިސުން އެގޮތަށް ބުނާތީ ޝާ އަލޮމް މިއާގެ އަދަބަށް ދެވޭނެ ލުޔެއް ގާނޫނީ ގޮތުން ނެތް ކަމަށެވެ. އެހެންނަމަވެސް އެކަމަކު ޝާ އަލޮމް މިއާ އެދުމަކީ އަދިވެސް ލުޔެއް އޮތިއްޔާ ލުޔެއް ދިނުމަށެވެ.

ޝާ އަލޮމް މިއާ ބުނާނެ އެއްޗެއް އެބައޮތްތޯ ސުވާލު ކުރުމުން އަޑުން އަޑުނަގައި ރޮމުން އޭނާ ބުނީ އެކަން ކުރެވުނީ ޝައިތޯނާ ވަސްވާސް ދިނުމުން ކަމަށާއި އޭނާ ބަލަންޖެހޭ އާއިލާއެއް އެބައޮތް ކަމުން އޭނާއަށް މާފުކޮށްދިނުމަށެވެ.

މީގެ އިތުރުން ސާލިމްގެ މައްޗަށް އުފުލާފައިވާ ދެވަނަ ދައުވާ، އެއީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އާއި ގުޅިގެން ދައުލަތުގެ ބުނީ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ޝާ އަލޮމް މިއާ އެއްބާރުލުން ދީފައިވާތީ އަދި މައްސަލައިގައި އަދަބު ލުއިކޮށްދިނުމަށް އެދިފައިވާތީ ގާނޫނުގައި ވާގޮތުގެ މަތިން އަސާސީ އަދަބުން އެއް ދަރަޖަ ދަށް ކުރުމަށް ފަހުގައި އެއް މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުށަހަޅާކަމަށެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނި ކުރުމުން އިތުރު މުއްދަތެއް އެ ހުކުމުން ތަންފީޒު ކުރާކަށް ވެސް ނުޖެހޭނެއެވެ.

މިއަދުގެ ޝަރީއަތުގައި ގާޒީ ޝަކީލް ވާހަކަދައްކަވަން ފެއްޓެވެވުން މަހުމޫދުގެ މަންމަ ވެސް ވަނީ ކޯޓުގައި ރޯން ފަށާފައެވެ. އަދި މަހުމޫދުގެ މަންމަ ވަނީ މަހުމޫދުގެ ވާހަކަ ދައްކާތީ ވަރަށް އަސަރު ކުރާ ކަމަށާއި ދުވަހަކުވެސް ހިތުން ނުފިލާނެ ކަމަށްވެސް ބުނެފައެވެ.

މި މައްސަލައިގައި ޝާ އަލޮމް މިއާގެ މައްޗަށް ހުކުމް ކުރުމަށް މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ވަނީ ތާވަލްކޮށްފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.