އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، މާވިންގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފައެވެ. އެ ދުވަހު ދައުލަތުން ވަނީ މާވިން ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށްވެސް އެދިފައެވެ. ނަމަވެސް ވަކީލެއްގެ އެހީތެރިކަމަށް މާވިން އެދިފައި އޮތުމުން، ވަކީލަކު އައްޔަންކުރަން އޭނާއަށް ވަނީ ފުރުސަތުދީފައެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި މާވިން ވަނީ ވަކީލަކާއެކު ބައިވެރިވެފައެވެ. މިއަދުވެސް ދައުލަތުން އެދުނީ މާވިން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. އަދި މައްސަލައިގެ ބާވަތަށާއި، މައްސަލައިގައި ހުރި ހެކި ގަރީނާތަކަށް ބަލައި، މާވިން ބަންދުގައި ހުންނަން ޖެހޭ ކަމަށް ދިފާއުން އިންކާރު ނުކުރާ ކަމަށް މާވިންގެ ވަކީލު ވަނީ ވިދާޅުވެފައެވެ.

ދިފާއީ ވަކީލު ވަނީ މާވިން ބަންދުކޮށްފައި ހުންނަން ޖެހޭނީ ރިމާންޑު ޖަލެއްގައި ކަމަށާއި ނަމަވެސް އަދިވެސް އޭނާ ހުރީ ފުލުހުންގެ ކަސްޓޯޑިއަލްގައި ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން މާވިން އާ ބައްދަލުކުރަން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ވަކި މުއްދަތެއްގައި މާވިން ރިމާންޑު ޖަލަކަށް ބަދަލުކޮށްދޭން ކޯޓުން އަމުރުކޮށްދިނުމަށް ދިފާއީ ވަކީލު އެދިވަޑައިގަތެވެ. މިއާއެކު މިއަދުގެ ޝަރީއަތުގައި މާވިން ވެސް ވަނީ އޭނާ ރިމާންޑު ޖަލަކަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މާވިން ކަސްޓޯޑިއަލްގައި ހުރީ ރިމާންޑް ޖަލުގައި ޖާގަ ނެތުމުން ކަމަށާއި ވަކީލަކަށް އައްޔަންވެ ފޯމު ހުށަހެޅުމުން ވަކީލަށް ވެސް މާވިން އާ ބައްދަލުކުރެވޭނެ ކަމަށެވެ.

މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީ މާވިން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި 15 ދުވަހުގެ ތެރޭގައި މާވިން ރިމާންޑު ޖަލަކަށް ބަދަލުކުރަން ވެސް އަމުރުކުރިއެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭ ކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައިވާތީއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ މާވިން އަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.