އދ. ދަނގެތީގައި މަރާލި ވިޔަފާރިވެެރިޔާ މަހުމޫދު އަބޫބަކުރުގެ ގާތިލް، ޝާ އަލޮމް މިއާގެ ކިބައިން ބޭނުމީ މަރަށް މަރު ހިފަން ކަމަށް އޭނާގެ ހުރިހާ ވާރިސުން ބުނެފިއެވެ.

މަހުމޫދު މަރާލިކަމަށް ސާލިމް ކޯޓުގައި ވީ އިއުތިރާފުން އެ މައްސަލަ ސާބިތުވެފައި ވާތީ އޭނާގެ މައްޗަށް ހުކުމްކުރުމަށް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ދުނިޔޭގައި ތިބި މަހުމޫދުގެ 7 ވާރިސުންނާ ސުވާލުކޮށްފައެވެ. އެއީ މަހުމޫދުގެ 5 ދަރިންނާއި މަންމަ އަދި އަނބިމީހާއެވެ.

މަހުމޫދުގެ 7 ވާރިސުންވެސް ވަނީ އެ މީހުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށާއި ބޭނުމީ މަރަށް މަރު ހިފަން ކަމަށް ބުނެފައެވެ. އެހެންކަމުން އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ހަވީރު 4:15 ގައި ބާއްވަން ވަނީ ތާވަލްކޮށްފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.