މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލި ޝާ އަލޮމް މިއާގެ މައްޗަށް ހުކުމްކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

މި މައްސަލައިގެ ހުކުމްކުރުން ފުރަތަމަ ނިންމީ މި މަހުގެ 7 ވަނަ ދުވަހަށެވެ. އެހެންނަމަވެސް އެ ދުވަހު ހުކުމް ނުކުރި ސަބަބު ސީދާ ނޭގުނުކަމުގައި ވިޔަސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޝަރީއަތުން ވަނީ ވާރިސުންގެ ބަސް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށާއި ބައެއް ވާރިސުން ކަރަންޓީންގައި ތިބުމުން އެކަން ފަސްކުރަން ޖެހިފައިވާ ކަމަށްވެސް ބުނެފައެވެ.

ޝާ އަލޮމް މިއާގެ މައްޗަށް އުފުލައިފައިވާ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ޝާ އަލޮމް މިއާ ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ. އަދި މި މައްސަލައިގެ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ މަހުމޫދު މަރާލީ ޝާ އަލޮމް މިއާކަން ސާބިތުވެއްޖެ ކަމަށް ކަނޑައަޅާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު މަރާލީ ޝާ އަލޮމް މިއާކަމަށް އޭނާ އިއުތިރާފުވި ކަމުގައިވީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅަން ބޭނުން ކަމަށް ބުނެފައެވެ. އެހެންނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އިއުތިރާފަށް ވުރެ ވަރުގަދަ ހެއްކެއް އޮންނާނެ ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ވެސް އޮންނަނީ އިއުތިރާފް ވުމުން އަވަހަށް މައްސަލަ ނިންމަން ކަމަށެވެ. އެހެންކަމުން ހެކި ހުށަހަޅަން ފުރުސަތު ނުދޭން ގާޒީ ޝަކީލް ވަނީ ނިންމަވާފައެވެ.

މަހްމޫދު މަރާލީ ޝާ އަލޮމް މިއާ ކަން އިތުރަށް ސާބިތު ކުރަން އެންމެފަހުން ބޭއްވި އަޑުއެހުމުގައި މަހްމޫދުގެ ފޮޓޯއެއް ދައްކާފައި ސާލިމްއާއި ސުވާލު ކުރަން ދައުލަތުންނާއި ދިފާއުން ވެސް އެދިވަޑައިގަތެވެ. އަދި ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި އިން މަހްމޫދުގެ ފޮޓޯއެއް ދައުލަތުން ދެއްކުމުން ޝާ އަލޮމް މިއާ ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެހެންނަމަވެސް މަހްމޫދު އޭރު މާ ކަޅު ކަމަށް ބުނެފައެވެ. އަދި އިތުރަށް ޔަގީން ކުރަން ދައުލަތުން ވަނީ މަހްމޫދުގެ އައިޑީ ކާޑުގައި އިންނަ ފޮޓޯ ދައްކައިފައެވެ. ސާލިމް ވަނީ އެއީ އޭނާ މަރާލި މީހާ ކަމަށާއި އެއީ ކާކު ކަން އެނގޭތޯ ސުވާލުކުރުމުން ސާލިމް ބުނީ މަހްމޫދުގެ ނަން ވެސް ސާލިމްއަށް ރަނގަޅަށް ނޭނގޭ ކަމުގައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝާ އަލޮމް މިއާ ވަނީ މަހްމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަގަނޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފުވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.