ބޭސްފަރުވާ އަށް އިންޑިއާ އަށް ދިޔަ އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ޑްރަގް ކޭސްއެއްގައި އިންޑިއާ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުން ޝާއިރުކުރި ހަބަރެއްގައި ބުނީ، މިދިޔަ އަހަރު ޑިސެމްބަރު މަހު 4 ކިލޯގެ އޮޕިއަމް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އައިމިނަތު ރަޝީދާ ނަމަކަށް ކިޔާ އެ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް އެންސީބީން ބުނެއެވެ.
މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށް އެންސީބީން ވަނީ ބުނެފައެވެ. އަދި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް ވެސް އެންސީބީން ވަނީ ބުނެފައެވެ.
އެންސީބީން އިތުރަށް ބުނީ މި ތަކެތި އިންޑިއާ އިން ފޮނުވި ކަމަށް ލިޔެކިޔުންތަކުން ފެންނަނީ ކެރެލާގައި އުޅޭ އަރީފް ކިޔާ މީހަކާއި އަލީ މީހަކަށް ކަމަށެވެ. ނަމަވެސް އެ މީހުންގެ ނަމާއި އެޑްރެސް ބޭނުންކޮށްފައި ވަނީ ސައްހަ ނޫން މައުލޫމާތު ބޭނުންކޮށްގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް އެންސީބީން ބުނެއެވެ.
އެންސީބީން އިތުރަށް ބުނީ އައިމިނަތު ރަޝީދާ އިންޑިއާގެ މެޖިސްޓްރޭޓް ކޯޓަކަށް ހާޒިރުކޮށް ބަންދަށް ތިން ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.