އިންޓަނެޓަކީ އޭގެ ބޭނުން ހެޔޮ ގޮތުގައި ކޮށްފި މީހަކަށް ހުރި ނަސީބެކޭ ބުނެވިދާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އިންޑިއާގެ ކެރަލާ ސްޓޭޓްގައި ދުވަހު އުޖޫރައަށް މަސައްކަތް ކުރަމުން ދިޔަ، އުމުރުން 60 އަހަރުގެ މަންމިކާއަށްވީ މިފަދަ ގޮތެކެވެ. މުޅި ގައުމުގެ ސަމާލުކަން އޭނާއަށް ހުއްޓުނީ، ކޯޓު ފަޓުލޫނު ވިއްކާ ބްރޭންޑަކަށް މޮޑެލް ކޮށްދިން ހިސާބުންނެވެ.

މޮޑެލް ކުރާ ހިސާބަށް ދިޔައީ ފޮޓޯގްރާފަރު ޝަރީކް ވަޔާލިލްގެ ރާޑަރަށް، މަންމިކާ އެރި ހިސާބުންނެވެ. ވަޔާލިލް ވަނީ މަންމިކާގެ ފޮޓޯއެއް ނަގާ، ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. ގިނަ ބަޔަކަށް، މަންމިކާ ވައްތަރު ވަނީ، ބަތޮލް ވިނޭޔަކަންއާއެވެ.

ކެރަލާގެ ކޯލީކޯޑު ސަރަހައްދުން މަންމިކާ ފެނުމާއެކު، ކައިވެނި ހަފުލާތަކަށް ކޯޓު ފަޓުލޫނު ފަހާ ދޭ، އޭނާގެ ކުންފުންޏަށް މޮޑެލް ކޮށްދިނުމަށް، މަންމިކާ ކިބައިން ވަޔާލިލް އެދުނެވެ.

އެތައް ވަރަކަށް މަންމިކާ ރުއްސައިގެން މޮޑެލް ކުރުމާ ހިސާބަށް ކުރި ދަތުރުގެ މަންޒަރުތައްވެސް ވަޔާލިލް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި، އެތައް ހާސް ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ.

އުމުރުން މަންމިކާ، 60، ވެޑިންގް ސޫޓްލައިގެން މޮޑެލް ކުރަނީ / ފޮޓޯ: ނިއުސް18

ލޮލު ފިޔަޖަހާލިހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ލިބުނު ބޮޑު މަގުބޫލުކަން ފެނި، މަންމިކާ ހުރީ މޮޑެލް ކުރުމުގެ ރޮނގުން ކުރިއަށް ދިއުމުގެ ދަތުރު ތަޖުރިބާކޮށްލާ ހިތުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ދުވަހު އުޖޫރައަށް، ލޭބަރެއްގެ ގޮތުގައި އޭނާ ކުރަމުން ދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް މަންމިކާ ބުނެއެވެ.