ބްލެކްމެއިލްކޮށް ބިރު ދެއްކުމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ތަހުގީގަށް ހޯދަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށްވާ ހދ. ނޮޅިވަރަން / ހަމްނާ، އަހުމަދު ޝަހްބާންއެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ ބްލެކްމެއިލް ކޮށް ބިރުދައްކާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ޝަހްބާން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.

ޝަހްބާން، ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް، މި މަހުގެ 21 ވަނަ ދުވަހުގެ 12:00 އަށް ހާޒިރުވާން ފުލުހުން ކުރި އިއުލާންގައި ވަނީ އަންގާފައެވެ.

މިފަދަ މައްސަލަތަކުގައި މީގެ ކުރިން ވެސް ފުލުހުން ވަނީ މީހުން ހޯދަން އިއުލާންކޮށްފައެވެ.