ހއ. މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މާރަންދޫ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ބޯހޯލް ތޮރުފުމުގެ މަސައްކަތުގެ 90 ޕަސަންޓް ނިމިފައިވާ ކަމަށެވެ. އަދި އާރްއޯ ފެސިލިޓީ އިމާރާތް އަދި ފެނާއި ނަރުދަމާ އަޅާ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެ މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 8.21 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާ، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއ، ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާ، ފެން ރައްކާކުރުމަށްޓަކާ 3 ތާންގީ ބެހެއްޓުން ހިމެނޭ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނި ބުނެފައެވެ.

އޭގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނި ބުނެފައެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާރަންދޫގައި 6.03 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާ، 800 މީޓަރުގެ ޕަންޕިން ލައިން އެޅުމާ، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތް ކުރުމާ، 3 ޕަންޕިން ސްޓޭޝަނާ އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނޭ ކަމަށެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓާ، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އޭގެ އިތުރުން އެމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާ، ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

މާރަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެމަޝްރޫއުގެ އަގަކީ ޖުމްލަ 72,8 މިލިއަން ދިވެހި ރުފިޔާއެވެ. އެ މަޝްރޫއުގެ މުއްދަތަކީ 540 ދުވަހެވެ.