އެމެރިކާއިން ފްރީޒްކޮށްފައި ވާ އަފްގާނިސްތާނުގެ އެސެޓްތަކުން 3.5 ބިލިއަން ޑޮލަރު، ސެޕްޓެމްބަރު 11 ގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކަށް ބަދަލު ދިނުމަށްޓަކާ ދޫ ކުރުމަށް ވައިޓް ހައުސްއިން ކުރި އަމުރަކީ، އަފްގާނިސްތާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ޖަރީމާއެއް ކަމަށް، އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ރޫހުގައި ވާހަކަދައްކަވަމުން ކަރުޒާއީ ވަނީ، ހުސްވި ހަފުތާގައި ބައިޑަން ކުރެއްވި މި އަމުރު އަނބުރާ ގެންދެވުމަށް ބާރު އެޅުމަށް، އެމެރިކާގެ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް، ސެޕްޓެމްބަރު 11 ގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.
ކަރުޒާއީ ވިދާޅުވީ ސެޕްޓެމްބަރު 11 ގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކެކޭ އެއްފަދައިން އަފްގާނިސްތާނުގެ ރައްޔިތުންނަކީވެއް ޝިކާރަވެފައި ވާ ބައެއް ކަމަށެވެ. އަފްގާނިސްތާނުގެ ރައްޔިތުންގެ ފައިސާ ހިފެހެއްޓުން ނުވަތަ އަފްގާނިސްތާނުގެ ރައްޔިތުންގެ ނަމުގައި ފައިސާ އަތުލުމަކީ އިންސާފެއް ނެތް ޖަރީމާއެއް ކަމަށްވެސް ކަރުޒާއީ ވަނީ ވިދާޅުވެފައެވެ.
އެމެރިކާގައި ފްރީޒްކޮށްފައި ވާ އަފްގާނިސްތާނުގެ އެސެޓްތަކުން 7.1 ބިލިއަން ޑޮލަރު ދޫކޮށް، އެއިން ބައެއް، ސެޕްޓެމްބަރު 11 ގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކަށް އެޅުމަށް ބައިޑަން އަމުރު ނެރުއްވީ މިދިޔަ ހުކުރު ދުވަހުއެވެ. އަނެއް ބަޔަކީ، އިންސާނީ އެހީގެ ގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުންނަށް ވީ ބައި ކަމުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ކަރުޒާއީ ވިދާޅުވީ މި ފައިސާއަކީ އެހެން އެއްވެސް ސަރުކާރެއްގެ ފައިސާ ނޫން ކަމަށާ، އެ ފައިސާއަކި އަފްގާން ރައްޔިތުންގެ ހައްގެއް ކަމަށެވެ.
ސެޕްޓެމްބަރު 11 ގެ ޝިކާރައަކަށް ވީ މީހުންގެ އާއިލާތަކުން ދަނީ އެމެރިކާގައި އަފްގާން އެސެޓްގެ ގޮތުގައި ފްރީޒް ކޮށްފައިވާ 7.1 ބިލިއަން ޑޮލަރުން ފައިސާ ހޯދުމަށް ޝަރުއީ އިމުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންނެވެ.