މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ބުނީ، އެކުންފުނީގެ މަސްގަންނަ ސެންޓަރުތަކާއި، ބޯޓު ފަހަރުން ޑީސަލް ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 12.68 ރުފިޔާ އަށެވެ. އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 15.00 ރުފިޔާއަށް ކަމަށް މިފްކޯ އިން ބުނެފައިވެއެވެ.

އެ ބަދަލާ އެކު މިހާރު މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް 12.68 ރުފިޔާ އަށް ލިބޭއިރު އާއްމުންނަށް ޑީސަލް ލީޓަރެއް ލިބޭނީ 15 ރުފިޔާ އަށެވެ. ކުރިން މަސް ދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުން އައީ 12.08 ރުފިޔާއަށެވެ.

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަލާއިރު މިފްކޯގެ ސައިޓްތަކަށާއި ބޯޓުފަހަރަށް މަސް ކިލޯއެއް ގަންނަމުން ދާނީ 16 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާ އަށެވެ.

މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ ކިލޯއެއް 9 ރުފިޔާ އަށެވެ. 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ފިނިނުކޮށް ގަންނަނީ 7 ރުފިޔާއަށެވެ.