އެކި ސަބަބުތަކާ ހެދި އާންމު އުސޫލުން ކައިބޮއި ނުހެދޭ ކުދިންގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަށިގަނޑަށް ފޯރުކޮށްދިނުމަށް ބޭނުން ކުރާ އެންޓެރަލް ފީޑިންގް ސިސްޓަމް ނުވަތަ ކާންދޭ ހޮޅި، ކަރުގައި އޮޅި، ނޭވާ ހާސްވެގެންވެސް ކުދިން މަރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އިންޒާރު ކޮށްފިއެވެ.

ފެބުރުއަރީ 8 ވަނަ ދުވަހު އެފްޑީއޭއިން އާންމު ކުރި އިންޒާރުގައި ބުނެފައި ވަނީ، ކާންދޭ ހޮޅި، ކަރުގައި އޮޅި، ނޭވާ ހާސްވުމުގެ ސަބަބުން ކުޑަ 2 ކުއްޖަކު މަރުވި ކަމުގެ ރިޕޯޓް ލިބިފައި ވާ ކަމަށެވެ. މި 2 ކުދިންނަކީ އުމުރުން 2 އަހަރު ނުފުރޭ ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިންގެ ކަރުގައި، ކާންދޭ ހޮޅި، އޮޅިފައި އޮއްވާ ފެނިފައި ވަނީ އެކުދިން ބަލަހައްޓަމުން ދިޔަ މީހުންނަށެވެ. އެއީ އެ ކުދިން މޮނިޓާ ކުރަމުން ނުދާތާ އެންމެ 10 ވަރަކަށް މިނެޓްގެ ތެރޭގައެވެ.

އެފްޑީއޭއިން އާންމު ކުރި އިންޒާރުގައި ބުނެފައި ވަނީ އެންޓެރަލް ފީޑިންގް ސިސްޓަމް ކަރުގައި އޮޅި، ނޭވާ ހާސްވެގެން މަރުވުމަކީ ނާދިރު ކަމެއް ކަމުގައި ވީ ނަމަވެސް، އެއީ ވެދާނެ ކަމެއް ކަމަށާ، އެފަދަ ހާދިސާތައް ހިނގާފައި ވާ ކަން، ކުދިން ބަލަހައްޓާ ފަރާތްތަކަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެފްޑީއޭއަށް ރިޕޯޓް ނުކޮށް ހުރި ކޭސްތަކެއްވެސް ހުރެދާނެ ކަމަށް އެ އިދާރާގެ ބަޔާނުގައިވެއެވެ.

އެފްޑީއޭއިން ބުނީ މިފަދަ ނިޒާމެއް ބޭނުން ކޮށްގެން ތުއްތު ކުދިންނަށް ކާންދީ ހެދުމުގައި ހުރި ނުރައްކާތަކުގެ އިތުރުން އެ ނުރައްކާތައް ކުޑަ ކުރުމާ ގުޅޭ ގޮތުން، އެންޓެރަލް ފީޑިންގް ސިސްޓަމް އުފައްދާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އަދި އެންޓެރަލް ފީޑިންގް ސިސްޓަމް ބޭނުން ކުރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް، އެފްޑީއޭއަށް ރިޕޯޓް ކުރަމުން ދިއުމަށްވެސް އެ އިދާރާއިން ވަނީ ގޮވާލާފައެވެ.