ޓެސްލާގެ ވެރިޔާ އީލަން މަސްކްގެ ސްޕޭސް އެކްސް އިން ސްޓާލިންކްގެ ނަމުގައި ހިންގާ މަޝްރޫއުގެ ދަށުން ދެމުން ގެންދާ އިންޓަނެޓުގެ ހިދުމަތް ރާއްޖެއަށް ހޯދުމާ ގުޅޭގޮތުން އެ ކުންފުންޏާއި ސަރުކާރާ ދެމެދު މަޝްވަރާ ކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، މިކަމާ ގުޅޭ ގޮތުން މިނިސްޓަރު އައިމިނަތު ޝައުނާ އާއި، ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓް އިއްޔެގެ ވަގުތެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ސްޕޭސް އެކްސް ކުންފުނިން ދަނީ ސްޓާލިންކްގެ ނަމުގައި ސެޓަލައިޓް މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.

މި މަޝްވަރާ އާ ގުޅޭ އިތުރު ތަފްސީލެއް އެންވަޔަރަމަންޓް މިނިސްޓްރީން ނުދެއެވެ.

އިއްޔެ ސްޓާލިންކްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރިއިރު، މި ސަރަހައްދަށް ސްޓާލިންކްގެ ހިދުމަތް ލިބުމުން، އެ ހިދުމަތް މަނާކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ.