އައްޑޫސިޓީގައި އޮތް ޝަންގްރިއްލާ ރިސޯޓު ހުޅުވުން ލަސްވާ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ސުވާލުކުރަން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

އެ މައްސަލާގައި ޓޫރިޒަމް މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހަޅުއްވާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

ރޮޒެއިނާގެ ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގައި އޮތް ދެ ރިސޯޓު ކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް 19 ފެށުނުއިރު ބަންދުކުރި ގޮތަށް މިއަދާ ހަމައަށްވެސް ނުހުޅުވިވާތީ، މިގެ ސަބަބުން އައްޑޫގެ އެތައް ރައްޔިތުންނެއް ވަޒީފާ ގެއްލި، އާމްދަނީއެއް ނުލިބި ދަތިހާލުގައި އުޅޭ ކަމަށެވެ. އަދި މި ދެ ރިސޯޓު ހުޅުވޭނެ އެކި ތާރީހުތައްވެސް މިނިސްޓްރީއިން ދެމުން އައި ކަމަށާއި އެހެންނަމވެސް މިއަދާ ހަމައަށްވެސް ހުޅުވައިފާ ނުވާ ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

އެ ދެ ރިސޯޓު ނުހުޅުވި ލަސް ވަނީ ކޮން ސަބަބަކާހުރެކަމާއި މިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި އަދި މި ދެ ރިސޯޓު ހުޅުވޭނެ ދުވަހެއްގެ ތަފްސީލުކޮށް ވިދާޅުވެ ދެއްވުމަށް ރޮޒައިނާގެ ސުވާލުގައި ވަނީ އެދިވަޑައިގެންފައެވެ.

އެ ދެ ރިސޯޓު ނުހުޅުވާ ގިނަ ދުވަސްތަކެއްވީއިރު އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) އިން މީގެ ކުރިން ވަނީ މިނިސްޓަރު މައުސޫމުއާ ބައްދަލުކުރައްވާފައެވެ. ކޮވިޑާއި ގުޅިގެން ޝަންގްރިއްލާ ރިސޯޓު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައިވާއިރު އައްޑޫގައި ހިންގަމުން އަންނަ ހެރެތެރެ ރިސޯޓު ވަނީ ދާދިފަހުން އަލުން ހުޅުވާފައެވެ.