މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށިން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

ފުލުހުން ބުނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ކަމަށާއި މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ.

އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށާއި އެ މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.