ހޫނު މޫސުމާ ދިމާކޮށް ގިނަ ގެތަކުގެ ކަރަންޓު ބިލް ބޮޑުވަމުން ދާތީ، "ސޭވް އެނާޖީ" ގެ ނަމުގައި އާންމުން ހޭލުންތެރި ކުރުމަށް ސްޓެލްކޯއިން ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރުގެ ތަފާސްހިިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރެއްގެވެސް ކުރީކޮޅު ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ލިބޭ ކަމަށާއި، ނަމަވެސް އެ ކުންފުނީގެ ކެމްޕެއިންގެ ސަބަބުން ޝަކުވާތައް މަދުވެފައިވާ ކަމަށެވެ.
ހަމަ އެއާއެކު، ހޫނު މޫސުމުގައި ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކޮށްފި ނަމަ، ކަރަންޓު ބިލް 15 ޕަސެންޓަށް ދަށްވާނެ ކަމަށާއި، އެކަމަށްޓަކައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރު ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
ސޭވް އެނާޖީ ކެމްޕެއިނަކީީ 2019 އިން ފެށިގެން ކޮންމެ އަހަރެއްގެވެސް ހޫނު މޫސުމާ ދިމާކޮށް، ކަރަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.
އެ ކެމްޕެއިންގެ ދަށުން ތަފާތު ކަންތައްތަކެއް ކުރުމަށް ސްޓެލްކޯއިން ރާވާފައިވެއެވެ. އެ ކަންތައްތަކަކީ:
- ކަރަންޓު އިގްތިސޯދު ކުރާ ފަރާތްތަކުގެ މެދުގައި އިނާމު ދޭ ގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުން
- ކްލަބްހައުސް ފަދަ ޕްލެޓްފޯމްތަކާއި މީޑިއާ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން
- ބިލްބޯޑު ހަރުކޮށް ސްޓެލްކޯގެ "މާޓީވީ" މެދުވެރިކޮށް މައުލޫމާތު ދިނުން
- ދަރިވަރުންނަށާއި ސަރުކާރުގެ ކުންފުނިތައް އަދި އިދާރާތަކަށް މައުލޫމާތު ދިނުން
- ކުޑަކުދިންގެ ހަވީރު ބޭއްވުން
އެ ކެމްޕެއިންގެ މަގްސަދަކީ އާންމުންގެ އަތުން ބޭކާރު ފައިސާ ހަރަދުވުން ހުއްޓުވުން ކަމަށް މުޣުނީ ވިދާޅުވިއެވެ.
އަހަރެންގެ ހަޔާތުގަވެސް މުޣުނީގެ ވެރިކަމުގެ ދަށުން ކަރަންޓް ބިލް ބޮޑުވީހާ ވަރެއް ދުވަހަކުވެސް ނުވޭ. 2015 އިން 2018 އަށް މިގޭގެ ބިލް 1500 އަށްވުރެ މައްޗެއްނުވޭ. އެކަމު 2019 ވަނަ އަހަރު 3000 އަށްވުރެ މަތިކުރި. އިތުރު އެއްޗެއް ނުޖައްސާ. މިހާރުވެސް 2000 އަށްވުރެ މައްޗެއްނުވޭ. އޭގެން އެނގެނީ އެދުވަސްވަރު ސްޓެލްކޯއިން ހުރިހާގެތަކުން ލާރިނެގިކަން.