ނަރާޔަނައައްޕަ ސިރިނިވާސަން، އޭނާގެ ރޮއީލް އެންފީލްޑް ދެކު ވަނީ، އާދައިގެ މީހަކު، ސައިކަލެއް ދެކެ ވާ ލޯތްބަށް ވުރެ ބޮޑު ލޯތްބެކެވެ. 1990ގެ އަހަރުތަކުގެ މެދަކާ ހިސާބުގައި ގެއްލުނު އެ ކަޅު ސައިކަލު ހޯދާ ދިނުމަށް، ސިރިނިވާސަންގެ ދަރިފުޅު، އަރުން، 15 އަހަރު ދުވަސް ހޭދަ ކުރީވެސް އެ ސަބަބާ ހެދިއެވެ.

ސައިކަލު ގަތް ދުވަސްވަރުގެ ހަނދާން އާ ކުރަމުން، މިހާރު އުމުރުން 75 އަހަރު ވެފައިވާ ސިރިނިވާސަން ބުނީ، މުޅި ސައިކަލުގެ އަގަކީ ބޭންކުން ލޯނު ނަގައިގެން އޭނާ ދެއްކި އަގެކެވެ. އެއީ 1970ގެ އަހަރުތަކެވެ. ސައިކަލު ގަތުމަށް، ބޭންކުން ނެގީ 6400 ރުޕީޒްގެ ލޯނެކެވެ. މިހާރުގެ ރޭޓުން ބަލާއިރު، އެއީ ގާތްގަނޑަކަށް 3 ލައްކަ ރުޕީޒް ނުވަތަ 4 ހާސް ޑޮލަރެވެ.

މިއީ ބޭރު ދުނިޔެއަށް އިންޑިއާ ހުޅުވާލެވިފައި ނެތް އެ ޒަމާނަށް ބަލާއިރު ފިސާރި ބޮޑު އަގެކެވެ. އަދި ސިރިނިވާސަން ފަދަ، އިތުރު ގޮތެއް ނެތް މީހުންނަށްވެސް އެހާމެ ބަރު އަގެކެވެ. ރޮއީލް އެންފީލްޑް ސައިކަލުތަކަކީ، އެއިން ގޮވާ "ޑަގަ.. ޑަގަ.." އަޑަށް މަޝްހޫރު ސައިކަލެކެވެ. ސައިކަލު މަގުބޫލު ވީވެސް އެ ސަބަބާ ހެދިއެވެ.

ރޮއީލް އެންފީލްޑް ސައިކަލެއް / ފޮޓޯ: ބައިކް ފޮ ސޭލް

ސައިކަލު ގަތީ ސިރިނިވާސަންގެ އުމުރުން އެންމެ 24 އަހަރުގައެވެ. ދަނޑުވެރިންނަށް ލޯނު ހޯދާ ދނުމުގެ ކަންކަން ހަމަޖައްސާދިނުމުގެ މަސައްކަތުގައި ކަރުނާޓަކާގައި އުޅުނު ސިރިނިވާސަން ދިޔަ ހާ ތަނަކަށް އެ ސައިކަލުވެސް ދިޔައެވެ.

"އަހަރެންގެ ދައްތަމެންނާއި އަހަރެންވެސް ބޮޑުވީ އެ ސައިކަލު މަތީގަ. އެއީ މި އާއިލާގެ ފުރަތަމަ އުޅަނދު"، މިހާރު ސޮފްޓްވެއާ އިނިޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ، އުމުރުން 38 އަހަރުގެ އަރުން ސިރިނިވާސަން ބުންޏެވެ.

ސިރިނިވާސަން ކަރުނާޓަކާގައި އަދާ ކުރަމުން ދިޔަ ވަޒީރާ، ލަކްނޯއަށް ބަދަލު ކުރަން މަޖުބޫރުވިއެވެ. ނަމަވެސް އޭނާއާއެކު ސައިކަލް ގެންދެވޭ ގޮތް ނުވުމުން، ރައްޓެއްސަކަށް ސައިކަލު ވިއްކާލިއެވެ. އެ ރަހުމަތްތެރިޔާއަށް ބޭނުން ކެނޑުމުން، އަނބުރާ ގަންނަ ގޮތަށް، ޝަރުތު ކޮށްފައެވެ.

ނަމަވެސް، ޖެހިގެން އައި އަހަރު، އެ ސައިކަލް ވަގަށް ނެގިއެވެ. ރަހުމަތްތެރިޔާގެ ގެއިންނެވެ. ސިރިނިވާސަން، ފުލުހުންނަށްވެސް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ.

އެވީހާ ދުވަހަކު، ސިރިނިވާސަން ދިޔައީ އޭނާގެ ސައިކަލު، ކޮންމެވެސް ތަނެއްގައި ވާނެކަން ގަބޫލުކޮށް، އެކަމާ މެދު ވިސްނުމުގައެވެ.

އަނެއްކާވެސް ސިރިނިވާސްގެ އާއިލާ ކަރުނާޓަކާއަށް ބަދަލުވިއެވެ. މަގުމަތިން ރޮއީލް އެންފީލްޑެއް ފެންނަ ކޮންމެ ފަހަރަކު، އޭނާގެ ސައިކަލު މަތިން ސިރިނިވާސް ހަނދާން އާ ކުރެއެވެ. ކޮންމެވެސް ދުވަހަކުން، ބެންގަލޫރުގެ މަގެއްގެ މަތިން ސައިކަލު ފެންނާނެ ކަމަށް އަރުންވެސް ގަބޫލުކުރަމުން ދިޔައެވެ.

މަގުމަތީގައި ކާރުގައި އުޅޭއިރުވެސް ސިރިނިވާސްއަށް ރޮއީލް އެންފީލްޑެއްގެ އަޑު ޖެހޭއިރަށް ސަމާލުކަމަށް އާދެއެވެ. ނަމަވެސް އެއީ އޭނާގެ ސައިކަލު ނޫންކަން އެނގުމުން ހިތްމަރުވެއެވެ.

އެންމެ ފަހުން، ސައިކަލު ހޯދުމުގެ މަސައްކަތް އަރުން ފެށިއެވެ. 2006 ވަނަ އަހަރުއެވެ. އުމުރުން 22 އަހަރުގައެވެ.

އިންޑިއާގެ ދަތުރުފަތުރާ ބެހޭ އިދާރާތައް 2021 ވަނަ އަހަރު ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލު ވި ފަހުން މި މަސައްކަތަށް އިންތިހާ ފަސޭހަކްނ ލިބުނެވެ. ރަޖިސްޓްރީ ނަމްބަރާއި އިންޝުއަރަންސް ތަފްސީލުތައް ބޭނުންކޮށްގެން އަރުން، އޭނާގެ ބައްޕަގެ ސައިކަލު ހޯދިއެވެ.

ސިރިނިވާސް (ވ)، އަދި އޭނާގެ ރޮއީލް އެންފީލްޑް ސައިކަލާއެކު ގޭ ދޮރުމަތީގަ، ދަރިފުޅު އަރުންއާއެކު / ފޮޓޯ: ބީބީސީ

ކަމާ ބެހޭ ފަރާތްތަކާ ތަކުރާރުކޮށް ބައްދަލު ކުރި ކުރުމުން، އެ ސައިކަލަކީ މައިސޫރުގައި އުޅޭ މީހެއްގެ މިލްކެއްކަން އެނގުނެވެ. އިތުރަށް ބެލި ބެލުމުން، މައިސޫރުގެ މީހާ އެ ސައިކަލު ގަތީ ޑީލަރެއް މެދުވެރިކޮށް ކަން އެނގުނެވެ. ޑީލަރު އެ ސައިކަލު ގަތީ، ދޫކޮށްލާފައި ވާ ނުވަތަ ވަގަށް ނަގާފައިވާ ސައިކަލުތަކުގެ ތެރެއިން ވެރިއަކު ނެތް ސައިކަލުތައް ނީލަން ކިއުމަށް ފުލުހުން ހިންގި ހަރަކާތުގެ ތެރެއިންކަން އެނގުނެވެ.

މައިސޫރުގެ މީހާ އެ ސައިކަލު ގަތީ 45000 ރުޕީޒްއަށެވެ. އަރުންގެ ބައްޕައަށް އެ ސައިކަލުގެ މުހިންމުކަން ކިޔައިދީ، އެތައް ދުވަހެއްގެ ވާހަކަތަކަށް ފަހު، އަރުންއަށް އޭނާ އެ ސައިކަލު ވިއްކާލީ 1 ލައްކަ ރުޕީޒްއަށެވެ.

އެތައް އަހަރަކަށް ފަހު އޭނާގެ ރޮއީލް އެންފީލްޑް އަނބުރާ ލިބުމުން ސިރިނިވާސް ހުރީ އިންތިހާ އުފަލުންނެވެ. މީގެ ބައި ގަރުނު ކުރިން ގަތް ސައިކަލު ތޯ އިންތިހާއަށް ބަލާ ފާސްކޮށް، ކަށަވަރު ކުރުމަށް ފަހުގައެވެ.