ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވަން، މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިމްތިޔާޒް ފަހުމީ (އިންތި) ނިންމަވައިފިއެވެ.

އެ ޕާޓީގެ ޗެއާޕާސަންކަމަށް އިންތި ވާދަ ކުރައްވާނެ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރެމުން ދިޔަ ދަނޑިވަޅެއްގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މަގާމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ.

އިއްޔެ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމް ހުސްވެފައިވާއިރު، ފަސް އަހަރު ދުވަހުގެ އެ މަގާމަށް ކުރިމަތިލުމަށް އިއްޔެ އެ ޕާޓީން ވަނީ ހަތް ދުވަހުގެ މުއްދަތަކަށް ހުޅުވާލާފައެވެ. އަދި ޗެއާޕާސަން ހޮވުމަށް އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭގެ ގާތް ގަނޑަކަށް ދެ މަސް ފަހުން، އޭޕްރިލް 16 ގައެވެ.

އިންތިގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަން ދެން ނިންމެވީ:

  • ފައްޔާޒް އިސްމާއީލް (އިކޮނޮމިކް މިނިސްޓަރު)
  • ހުސައިން އަމްރު މުހައްމަދު ރަޝާދު (އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު)

އެންމެ ފަހުން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އެމްޑީޕީގެ ރައީސްކަމުގައި މިހާރު ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ފުރުއްވާފައިވެއެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ ދެ މަސްދުވަސް ކުރިން އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، އެއް މަސްދުވަސް ކުރިން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އެކުލަވާލައި އިއުލާން ކުރަން ޖެހޭނެއެވެ.

ޗެއާޕާސަންގެ އިތުރުން، އެމްޑީޕީން ވަނީ އެ ޕާޓީގެ އަންހެނުންގެ ރޫހާއި، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބު ރައީސްކަމުގެ މަގާމުގެ އިންތިހާބު، އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައެވެ.