މިއަހަރު މިހާތަނަށް ރާއްޖެއަށް 170،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 171،982 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

އެއީ ޖެނުއަރީ މަހު ރާއްޖެއައި 131،764 ފަތުރުވެރިންނާއި މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރާއްޖެއަށް 40،218 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ރަޝީޔާ، އިނގިރޭސި ވިޔާތު އަދި އިންޑިއާ އިންނެވެ. އެގައުމުން 28،468 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު އިނގިރޭސިވިލާތުން 18،348 ފަތުރުވެރިން އަދި އިންޑިއާއިން 13،947 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 119،501 ފަތުރުވެރިންނެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.