މަދުވެގެން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އިންޑިއާ ސިފައިން "ބަނޑަހަ" ޖަހައި ގާއިމްވެގެން އެބަ ތިބި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމުގެ ގޮތުން، ރ. މީދުއަށް ވަޑައިގަތުމުން، އެ ރަށުން ޔާމީނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި އެ ރަށުގައި "އިންޑިއާ އައުޓް" ނަމުގައި ބޭއްވި ހިނގާލުމުގައިވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެ ހިނގާލުން ނިންމަވާލައްވައި، އެ ތަނަށް އެއްވެ ތިބި މީހުންނާ މުހާތަބު ކުރައްވާ ޔާމީން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އިންޑިއާ އަސްކަރިއްޔާގެ ސިފައިން ގާއިމްވެ އެބަ ތިބި ކަމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބިކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުގައި މަދުވެގެން ފަސް ސަރަހައްދެއްގައި ބަނޑަހަ ޖަހައިގެން އިންޑިއާ ސިފައިން އެބަތިބި."
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު

އެއާއެކު، އުތުރު ތިލަފަޅުގައި މިހާރު ދިވެހި ސަރުކާރާއި ސިފައިންގެ ބާރެއް ނެތް ކަމަށާއި، އެ ތަނަކީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ވިދާޅުވެ، ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

"މާލޭގެ ހުޅަނގު އުތުރުން އޮތީ އުތުރު ތިލަފަޅު. މީކީ ސިފައިންގެ މަރުކަޒެއް ނޫން. މީކީ މިއަދު ދިވެހިރާއްޖޭގެ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއްނޫން. މީ ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއްވެސް ނޫން. މީ ފުރިހަމައަށް އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގަ އޮތް ތަނެއް. އަޅުގަނޑު ބުނީމަ ގަބޫލުކުރައްވާ."
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު

އަދި އުތުރު ތިލަފަޅަކީ ސަރުކާރުން ހަރަދުކޮށްގެން ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ސިފައިން ހަދަމުން އައި ތަނެއް ކަމަށާއި، ނަމަވެސް އެތަނުގައި ވަސީލަތްތައް ގާއިމްކޮށްދިނުމުގެ ނަމުގައި އިންޑިއާ އަސްކަރިއްޔާއިން އައިސް ތިބުމުން މި ވަނީ ކިހިނެއްތޯ ޔާމީން ސުވާލު ކުރެއްވިއެވެ.

"އުތުރު ތިލަފަޅަކީ ދިވެހިރާއްޖޭގެ ދިވެހި ސަރުކާރުގެ ބަޖެޓުން ސިފައިން ބިނާކުރަމުން އައި ތަނެއް. އެއީ އެމީހުންގެ މަރުކަޒަކަށް ހަދަން އެ މީހުންގެ މަރުކަޒެއްގެ ގޮތުގަ ހަދަން ބިނާކުރަމުން އައި ތަނެއް. މިއަދު އެ މީހުންނަށް އެތަން ހިންގައިދިނުމުގެ ނަމުގަ ނޫނީ އެތަނަށް ބޭނުންވާ ކެޕިޓަލް ނޫނީ ރައުސުލްމާލު ނޫނިއްޔާ ވަސީލަތް ގާއިމްކޮށްދިނުމުގެ ބަދަލުގަ އައިސް އެ ތިބީ އިންޑިއާ އަސްކަރިއްޔާ. ދެން މި ވަނީ ކިހިނެއްތޯ؟"
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު

ޔާމީން ވިދާޅުވި ގޮތުގައި އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވަނީ ސަރުކާރާއި ސިފައިންގެ ބާރު ނެތުމުން ކަމަށާއި، އެގޮތުން އުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ގޮތުން، އެތަނުގައި އިމާރާތް ކުރުމާއި ތަން ހިންގުމުގެ ބާރު އޮތީ އިންޑިއާ ސިފައިންގެ އަތުގައި ކަމަށްވާއިރު، އެކަމަށް ސަރުކާރުން ހުރަސް ނޭޅޭނެ ކަމަށްވެސް އެއްބަސްވުމުގައި އެބައޮތް ކަމަށެވެ.

"ދިވެހި ސަރުކާރުން ލަދުވެތިވާން ވާނެ މިވަރުގެ އެގްރީމަންޓް ސަރުކާރުގެ ނަމުގަ ކުރަން." ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ޔާމީން ވިދާޅުވީ، އުތުރު ތިލަފަޅުގެ އެއްބަސްވުން ގާނޫނުއަސާސީ އާ ހިލާފު ކަމަށާއި، ގާނޫނުއަސާސީގައިވާ ގޮތުން، މިފަދަ އެއްބަސްވުމެއް އެކުލަވާލާނަމަ، މިފަދަ އެއްބަސްވުމެއް ފާސްކުރަން ޖެހޭނީ މަޖިލީހުން ކަމަށެވެ. އެގޮތުން މި އެއްބަސްވުން ތިންވަނަ ފަރާތަކަށް ދައްކައިގެން ނުވާނެ ކަމަށް އެބައޮތް ކަމަށާއި، މަޖިލީހަށް އުތުރު ތިލަފަޅު އެއްބަސްވުން ނުދައްކަނީ އެ ސަބަބާ ހެދި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެރިކަން ކުރާ ރަށާ މިހާ ކައިރީގަ މިއޮތް އުތުރު ތިލަފަޅަކީ ނުރައްކަލުން ފުރިގެންވާ ތަނެއް. އެއީ އިންޑިއާގެ އަސްކަރީ މަރުކަޒެއް އެއީ."
އަބްދުالله ޔާމީން, ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު

މިއަދު ރ. މީދޫގައި އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު، އިދިކޮޅުން އަންނަނީ ރަށްރަށުގައިވެސް އިންޑިއާ އައުޓް ހަރަކާތް ފުޅާކުރަމުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމަކުން ޔާމީން މިނިވަންވެ ވަޑައިގަތުމާއެކު، މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ކ. ގުރައިދުއާއި، އެ އަތޮޅުގެ ތުލުސްދުއާއި ފ. ނިލަންދުއާއި، ށ. ފުނަދޫގެ އިތުރުން ރ. ދުވާފަރުގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ފާސް ކުރުމަށް ފަހު. ވަރަށް އަވަހަށް އެ ބިލް މަޖިލީހަށް ހުށަހަޅައި ގާނޫނަކަށް ހެދުމަށް ހުށަހަޅާފައިވެއެވެ.

އެ ބިލްގެ ޑްރާފްޓްގައިވާ ގޮތުން ދޭދޭ ގައުމުތަކާ މެދު ނަފްރަތު އުފެދޭ ގޮތަށް އަމަލުކޮށް ވާހަކަ ދައްކާނަމަ ހަ މަސް ދުވަހަށް ޖަލަށްލުމާއެކު އެއް އަހަރަށް ވުރެން ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރެވެއެވެ. އަދި 20،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވެއެވެ.