އިތުރު ބަޔަކާ ބައިވެރިވެގެން، މީހުން ރަހީނުކޮށް އަދި ބިރު ދައްކައިގެން ފައިސާ ފޭރޭ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އެ މައްސަލައިގެ މިދިޔަ މަހުގެ 13ގައި ދައުވާ ކޮށްފައިވާ ދެ މީހުންނަކީ އާދަމް ވިޝާން، 18، ހދ. ނޭކުރެންދޫއަހުމަދު ސަނީން، 21، ގއ. ކަނޑުހުޅުދޫއެވެ.

އެ މީހުން ފައިސާ ފޭރުމުގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖެއް ބޭނުން ކުރަމުން އަންނައިރު އެ މީހުންގެ މައްޗަށް ވަނީ އޮޅުވާލައިގެން ވިލިމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް މީހުން ގެންގޮސް ވަޅިން ބިރުދައްކާ، އަނިޔާކޮށް، ބަރަހަނާ ފޮޓީ ނަގާ އިންޒާރުދީ ވޮލެޓާއި އެކައުންޓުން ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޯޓުން ވަނީ އަނިޔާ ލިބުނު ފަރާތާއި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހުންގެ ބަޔާނާއި މެޑިކޯ ލީގަލް ރިޕޯޓާއި ބޭންކު ސްޓޭޓްމެންޓުތަކަށް ބަލާއިރު އެ ކަންކަން ކުރިކަން އެނގޭ ކަމަށް ބުނެފައެެވެ.

އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމީ އެ މީހުން މުޖުތަމައުއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އެކަމުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބެލެވޭތީއެވެ.