ލ. ގަމުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ހާލު ދެރަވެ މާލެ ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދިން ހާލު އެނގޭ މީހަކު ބުނި ގޮތުގައި އެމީހާ ސިޒޭރިއަން ހެދީ އިއްޔެ 10:30ގައި ކަމަށާއި ހޮސްޕިޓަލުން މެންދުރުފަހު ހޭއަރާނެ ކަމަށް ބުނި ނަމަވެސް އޭރު ހޭނާރާ ކަމަށެވެ.

ދެން މަޑުމަޑުން ހާލު ގޯސްވަމުން ދިޔަ ކަމަށާއި އަދި ހަވީރު ތަދުވާތީ ކެތް ނުވާ ކަމަށް ވެސް އެމީހާ ބުނެއެވެ.

ތަދުކަނޑުވާ އިންޖެކްޝަން ޖެހީމަ ވެސް ނުވި ރަނގަޅެއް، ގަޑިއިރެއް ނުވަނީސް އަނެއްކާ ދެވަނަ އެތި ޖަހައިފި، ދެވަނަ އެތި ޖެހިތަނުން ހަމަ ކުރު ކުއްލި ޖަހާ ހެން ނޭވާލާން ފެށި، ދެން އެމީހާ ހުއްޓޭ ހިސާބަށް ދާން ފެށީމަ، އައިސީޔޫއަށް ވައްދާފަ އެމީހުން ވެންޓިލޭޓަރަށް ލީ،
"ދަ ޕްރެސް" އަށްމައުލޫމާތު ދިން މީހަކު

ގަމު ރީޖިނަލް ހޮސްޕިޓަލުން ބުނީ، އެ މީހާގެ ހާލު ދެރަވާން ފެށުމުން އަލުން އޮޕަރޭޝަން ތިއޭޓަރަށް ވައްދާ ސިޒޭރިއަން ހެދި ތަން ބެލިއިރު އިންޓާނަލް ބްލީޑިންއެއް ހުރި ކަމަށް ބުނި ކަމަށެވެ. އަދި މިހާރު އެމީހާގެ ހާލު ސީރިއަސް ކަމަށާއި ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު އަނެއްކާ އައިސީޔޫ އަށް ލާ ހާލު ދެރަވާތީ ދާދި ދެންމެ ވަނީ މާލެ ގެނެސްފައެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި އަންހެނެއްގެ ގޮހޮރު ބުރިވި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ އަންހެން މީހާ ސިޒޭރިއަން އަށް ފަހުން ތިން ދުވަސް ވީއިރު ވެސް ބޮޑުކަމު ނުދެވި، ނޭވާލާން އުނދަގޫވާ ކަމަށް ނަރުހުން ގާތު ބުނުމުން އެންގީ އެއީ ގޭސްޓްރިކް ވެގެން ވާގޮތެއް ކަމަށެވެ.

ނަމަވެސް އޮޕަރޭޝަން ކުރިތާ ހަތަރު ވަނައަށް ވީ ދުވަހު ފާހާނާގައި އުޅެނިކޮށް ވަރަށް ބޮޑަށް ބަނޑުގައި ރިއްސައިގަނެގެން ސީޓީ ސްކޭނެއް ހެދުމަށް ފަހު ހޮސްޕިޓަލުން ވަނީ އޭނާގެ ގޮހޮރު ކައިރީ ބްލޮކެއް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ގޮހޮރު ސާފުކޮށްލީމައި ރަނގަޅު ވަނޭ ކަމަށާއި އޮޕަރޭޝަނެއް ކުރަން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިިޔަ މަހު 31ގައި އެ އަންހެން މީހާ މާލެ ގެންގޮސް އޭޑީކޭ އަށް ދެއްކުމުން ގޮހޮރުގައި އިންފެކްޝަން އުފެދިފައި ވާތީ ސާޖަރީއެއް ކުރަންޖެހޭ ކަމަށް އޭޑީކޭން ވަނީ އަންގާފައެވެ. އަދި އެ ސާޖަރީން އަންހެން މީހާގެ ގޮހޮރު އެއްކޮށް ބުރި ނުވެ އޮތީ ކިރިޔާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެމައްސަލަ އާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލަކީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުން ހިންގާ ހޮސްޕިޓަލެއް ކަމަށެވެ. އަދި ހެލްތް މިނިސްޓްރީ އަކީ ރާއްޖޭގެ ސިއްހީ ނިޒާމް ރެގިއުލޭޓް ކުރުމުގެ ޒިންމާ ހަވާލު ކޮށްފައިވާ ފަރާތް ކަމަށް ވުމާއެކު އެ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އަންހެން މީހާއަށް ދިމާވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް މިނިސްޓްރީން ބަލަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލު ތަކުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު ތައް އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.