ޝަރީއަތް ނުބާއްވައިގެން ގިނަ ބަޔަކު ފާޑުކިޔާފައި ވަނިކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ޝަރީއަތް މާދަމާ 13:30 ތާވަލް ކޮށްފިއެވެ.
މަހުލޫފްގެ މައްސަލައިގެ ޝަރީއަތް މިދިޔަ މަހުގެ 19 ވަނަ ދުވަހަށްވެސް ތާވަލްކޮށް، އެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.
މަހްލޫފްގެ މައްޗަށް ދައުވާ އުފުލީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ މަހްލޫފުގެ ޝަރީއަތް އަލުން ކުރިއަށް ގެންދަން ނިންމާފައިވަނީ އެ މައްސަލާގައި ހިމެނޭ އެންމެން ހާޒިރުކޮށްގެން ކަމަށާއި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެކަމާ ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ޓްރާންސްޕޭރަންސީން އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ސަރުކާރުގެ އިސް ބޭފުޅަކަށް ދައުވާ އުފުލައިފި ނަމަ އެ ބޭފުޅަކު މަގާމުން ވަކި ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެ މައްސަލާގައި ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، މިދިޔަ ޖޫން 27 ގައި ހުރިހާ ލިޔެކިއުންތަކެއް ޕީޖީ އޮފީހަށް ފޮނުވާފައި ވާއިރު އޭގެ ފަސް މަސް ފަހުން ޕީޖީން ވަނީ މަހްލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެވެ. ނަމަވެސް، އެ ތުހުމަތުތަކަށް މަހްލޫފް އިންކާރު ކުރައްވައެވެ.
މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދެއްވުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.
މީގެ ކުރިންވެސް މަހްލޫފްގެ މައްޗަށް 2019 ގައި ދައުވާކުރަން ފޮނުވިއިރު، ދައުލަތުން ވަނީ އޭރު ކުޑަ ދުވަސްކޮޅަކަށް މަހްލޫފް ސަސްޕެންޑު ކޮށްފައެވެ. އޭގެ ފަހުންވެސް މަހްލޫފް މިދިޔަ ޖޫން މަހު މަގާމުން ސަސްޕެންޑު ކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ގޮތެއް ނިންމުން ލަސް ކަމަށް ބުނެ، އޭނާގެ ސަސްޕެންޝަން ވަނީ އޭގެ ހަތަރު މަސް ފަހުން އުވާލާފައެވެ.